އިންޑިއާގައި ސީޕްލޭން ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ފަށުމަށް މޯލްޑިވިއަންގެ ޕައިލެޓުންގެ ކްރޫއެއް އިންޑިއާއަށް ފުރައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކަމުގައި ރާއްޖެއިން އެހީ ހޯދާ ކަމަށާއި ރާއްޖެއަކީ ސީޕްލޭން ދުއްވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމު ކަމުގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.
މި މަޝްރޫއަށް އިންޑިއާއިން ހޯދަނީ މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އެހީ ކަމަށް ކަމަށާއި މިއަދުގެ ވަގުތެއްގައި ޕައިލެޓުންގެ ޓީމެއް އިންޑިއާއަށް ފުރާފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ. އެ ގޮތުން ސީޕްލޭން އޮޕަރޭޝަންއަށް އިންޑިއާގައި ބޭނުން ކުރަން ހަމަޖެހިފައިވާ އެއާ ކްރާފްޓާ އެކު މިއަދު ފުރި ޕައިލެޓުންގެ ޓީމް ވަނީ ފޮޓޯއެއް ނަގާފައެވެ.
އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފައްޓަވާ ދެއްވާނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ. އަދި އެ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށްވެސް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.
ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.