ނިއުކްލިއާ ހަތިޔާރު ގެންގުޅުން މަނާ ކުރުމަށް ބާރުދޭ ބައިނަލްއަގުވާމީ އެއްބަސްވުމަށް 50 ގައުމަކުން ސޮއިދީ، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި މި އެއްބަސްވުން ތަންފީޒު ކުރަން ފަށާނެ ކަން އދއިން ހާމަކޮށްފިއެވެ.

ޓްރީޓީ އޮން ދަ ޕްރޮހިބިޝަން އޮފް ނިއުކްލިއާ ވެޕަންސް (ޓީޕީއެންޑަބްލިއު) އަށް ސޮއި ދިން 50 ވަނަ ގައުމަކީ ހޮންޑޫރާސްއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މި ތާރީހީ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ފުރުސަތު ތަނަވަސްވުމާއެކު، ނިއުކްލިއާ ހަތިޔާރާ ދެކޮޅަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ދަނީ މަރުހަބާ ކިއަމުންނެވެ. ނަމަވެސް އެމެރިކާ ފަދަ ބޮޑެތި ނިއުކްލިއާ ބާރުތަކުން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ނިއުކްލިއާ ހަތިޔާރު މަނާ ކުރާ އެއްބަސްވުމަށް ސޮއި ދިން 50 ގައުމަށް ސެލިއުޓް އަރުވާފައެވެ. 50 ގައުމުގެ ސޮއި ހަމަވުމާއެކު، މި އެބަސްވުން ތަންފީޒު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހު ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ. މިއީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމުން އިންސާނިއްޔަތަށް ލިބިދޭނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާއިރު، މިއީ މާޒީގައި ދިން ނިއުކްލިއާ ހަމަލާތަކުގައި މަރުވެދިޔަ މީހުންނަށް ދެވޭ "ޓްރިބިއުޓް"އެއް ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ނިއުކްލިއާ ހަތިޔާރު މަނާ ކުރާ އެއްބަސްވުމެއް އެކުލަވާ، ގައުމުތަކުގެ ސޮއި ހަމަކޮށް، ތަންފީޒު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، އައިކޭންގެ ނަމުގައި ހަރަކާތްތެރިވާ ކޯލިޝަންއަކުންނެވެ. 2017 ވަނަ އަހަރު، ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކޮށްފައި ވަނީވެސް މި ކޯލިޝަނުންނެވެ.

ދިވެހިރާއްޖެއަކީވެސް ނިއުކްލިއާ ހަތިޔާރާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމެށް ނޫންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖެއަކީ މި މުއާހަދާއަށް އެންމެ ފުރަތަމަ ސޮއި ދިން ގައުމުތަކުގެ ލިސްޓުގައިވެސް ހިމެނޭ ގައުމެކެވެ.