ދުނިޔޭގައި ވަރަށް މަދުން ފެންނަ ކަނޑޫ ގަހުގެ ބާވަތެއް ހއ. ކެލައިން ފެނުމުން، އެ ގަހަށް "ކެލަވަކި"، ނަމުން ނަން ދީފިއެވެ.

މި ކަނޑޫ ގަހަށް ނަން ދީފައި ވަނީ ދިވެހި ބަހުގެ އެކަޑަމީ އިންނެވެ. އެގޮތުން، މި ނަން ދީފައި ވަނީ މި ބާވަތުގެ ކަނޑޫ، ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނު ކެލައަށް ނިސްބަތް ކުރެވޭ ގޮތަށެވެ. ރާއްޖެއިން އަލަށް ފެނުނު ކަނޑޫގެ މި ބާވަތަށް އިނގިރޭސިން ކިޔާ އުޅޭނީ "ބްރްގޭރާ ހެނެސީ" އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކަނޑޫގެ ބާވަތެއް ކަމަށްވާ "ބްރްގޭއާ ހެނެސީ" ގަސް ރާއްޖެއިން ފެނުނީ މި އަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހައްދުން ކަމަށެވެ. އެގޮތުން އެސަރަހައްދުން އެބާވަތުގެ 4 ގަސް ފެނިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެލައިން ފެނުނު ކަނޑޫ ގަހުގެ ބާވަތް

އެ ސާވޭ ކުރިއަށް ގެންދިޔައީ ހިމާޔަތް ކޮށްފައިވާ ސަހަރައްދުގެ ދިރުން ތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސް އާ ގުޅިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ ކަނޑޫ ގަސް ފެނިފައެވެ. މިނިސްޓްރީން ބުނީ ކެލައިން އެ ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށެވެ. މިނިސްޓްރީން އިތުރަށް ބުނީ މީގެ ކުރިން ކުރެވިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، އެބާވަތުގެ ބޮޑުވެފައިވާ އެންމެ 200 ގަހެވެ.