އިފުރު އެއާޕޯޓާއި ރިސޯޓު 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާން ކޮށްފިއެވެ.

މީގެ ކުރިން ވެސް އިފުރު އެއާޕޯޓާއި، ރިސޯޓު ވިއްކާލުމަށް އެ ރަށުގެ ވެރިފަރާތް ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން އިއުލާންކުރިއެވެ. ނަމަވެސް އެ ދެ ޕްރޮޕަޓީ ވިއްކާލަނީ ކޮން އަގެއްގައި ކަމެއް އޭރު އިއުލާނު ކޮށްފައެއް ނުވެއެވެ.

ދަ ސީއީއޯ މެގަޒިންގައި ވާގޮތުން ރ. އިފުރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓާއި ހޮޓާ އަދި އެ އިންވެސްޓްމަންޓާ އެކު ރިސޯޓް ހަދަން ދީފައިވާ ބ. އަތޮޅުގައި އޮންނަ ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ވިއްކާލާނެއެވެ.

އިފުރު ރިސޯޓާއި އެއާޕޯޓް ތަރައްގީކޮށްފައިވާ ރަށަކީ 56.52 ހެކްޓަރުގެ ގުދުރަތީ ގޮތުން ހާއްސަ ސިފަ ތަކެއް ލިބިފައިވާ ރަށެއް ކަމަށް އެމެގަޒިން ވަނީ ބުނެފައެވެ.

އިފުރު ރިސޯޓުގައި ޖުމްލަ 150 ބީޗްވިލާ ހުންނައިރު އެ ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ. އަދި 150 ވިލާ ތަރައްގީކޮށް ނިންމާފައި ވާއިރު، ރިސޯޓު ގަންނަ ފަރާތަކަށް އިތުރު 90 ވިލާ ތަރައްގީކުރެވޭނެއެވެ.