ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ކުރިޓިކަލް ފައްތަރެއްގައި އޮންނެވި ފަލަސްތީނުގެ އިސް އޮފިޝަލު ސާއިބު އުރައިގަތުގެ ނޭވާލާ ނިޒާމުގެ ހާލަތު ހުރި ގޮތް ވަޒަން ކުރުމަށް ބްރޮންކޮސްޓޮމީއެއް ހަދާފައި ވާ ކަމަށް، ދަރިކަނބަލުން، ޑރ ސަލާމް އުރައިގާތު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ވަކީލު އަދި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިސް އޮފިޝަލު، އުރައިގާތުގެ ދަރިކަނބަލުން، ޑރ ސަލާމް އުރައިގާތަކީވެސް ފިޒީޝަންއެކެވެ.

ބައްޕަ ހާލު ހުރި ގޮތް ބަޔާންކޮށްދެއްވަމުން ކުރެއްވި ޓްވީޓޓެއްގައި ޑރ ސަލާމް އުރައިގާތު ވިދާޅުވީ، ސާއިބު އުރައިގާތު އޮންނެވީ އިންޓިއުބޭޓްކޮށް، އީސީއެމްއޯ މެޝިނަކާ ގުޅާފައި ކަމަށެވެ. ސަރީހަ އިބާރާތަކުން ދަންނަވަނީނަމަ، އުރައުގާތުގެ ފުއްޕާމޭގެ މަސައްކަތްތައް ކުރަމުންދަނީ މެޝިނެއްގެ އެހީގައެވެ.

ޑރ ސަލާމް އުރައިގާތު ވިދާޅުވީ، ސާއިބު އުރައިގާތުގެ ނަތިޖާތައް ލިބެން އަދި ދުވަސްތަކެއް ނަގާނެ ކަމަށާ، ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ ދެތިން އަހަރެއް ކުރިން، އުރައިގާތުގައި ވަނީ އެމެރިކާގައި، ފުއްޕާމޭ ބަދަލު ކުރުމުގެ އޮޕަރޭޝަނެއްވެސް ކުރައްވާފައެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅުއްވަމުން ގެންދަވާ، އުމުރުން 65 އަހަރުގެ އުރައިގާތަށް ކޮވިޑް-19 ޖެހި، ހާލު ސީރިއަސް ވުމާ ގުޅިގެން އިސްރާއީލުން ގުދުސްގައި ހިންގާ ހަދާސާ މެޑިކަލް ސެންޓަރަށް އުރައިގާތު ބަދަލު ކުރެވުނީ ނިމިދިޔަ ހަފުތާ ބަންދުގައެވެ.

ހޮސްޕިޓަލުން ބުނާ ގޮތުގައި އުރައިގާތު އޮންނެވީ ކުރިޓިކަލް ހާލެއްގައެވެ. އަދި އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ތަޖުރިބާކާރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި ގައްޒާއިން 48129 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީ 427 މީހަކު ވަނީ މަރުވެފައެވެ. ކަން މިހެން އޮތްއިރު، އުރައިގާތުވެސް އަވަހާރަވެއްޖެކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ދޮގު ޚަބަރު ފަތުރާފައެވެ.