މުޅި ދުނިޔެ ކޮވިޑާ ގުޅިގެން ބަންދުކޮށްފައި ވަނިކޮށް، ރާއްޖެއާ 7800 ކިލޯމީޓަރު ދުރުން ދަތުރު ކޮށް ރާއްޖެ އައި ފަތުރުވެރިއެއްގެ ވާހަކަ ކިޔުންތެރިން އޮންނާނީ އަހާފައެވެ. އޭނާ ރާއްޖެއަށް 27 ފަހަރު އައިސްފައި ވާ ކަމަށާއި، އޭނާ ރާއްޖެއަށް އަންނަ ކޮންމެ ފަހަރަކު މަދުވެގެން މަހެއްހާ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ވާހަކަ، ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

ޖަރުމަރުވިލާތުގެ ރައްޔިތެއް ކަމުގައިވާ އެންޑްރިއާސް ރޮޑެންބާގް (އެންޑީ) ރާއްޖެ އާ މެދު އެހާ ބޮޑު ޝައުގުވެރިކަމެއް އޮތީ ކީއްވެގެންތޯ "ދަ ޕްރެސް" އިން ސުވާލު ކޮށްލީމެވެ.

އެންޑީ ބުނީ، އޭނާ 1988 ވަނަ އަހަރުން ފެށިގެން ރާއްޖެ އަންނަން ފެށި ކަމަށެވެ.

"އެންމެ ފުރަތަމަވެސް ރާއްޖެއާ މެދު ލޯބި ޖެހުނު، ރާއްޖޭގެ މާހައުލުގެ ހިތްގައިމު ކަމާއި މީހުންގެ ރަހުމަތްތެރިކަމުން"
އެންޑީ

އެންޑީ ވަހަކަ ފެށީ ވަރަށް ރަހުމަތްތެރި ގޮތަކަށެވެ. އޭނާ އިނގިރޭސި ބަހަށް ކޮށި ނަމަވެސް ގިނަ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ބައެއް ވާހަކަ ޖަރުމަނު ބަހުން ކިޔައިދެމުން ދިޔަ އިރު، އެވާހަކަތައް އަޅުގަނޑަށް ތަރުޖަމާ ކޮށްދިނީ ރާއްޖެވެސް ފަރިތަ އަދި އެންޑީގެ ވަރަށް ޒަމާންވީ އެކުވެރިއެއް ކަމުގައިވާ ކުމާރާއެވެ. އެކަމަށްޓަކައި ކުމާރާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަމެވެ.

އެންޑީއަށް ފިހާޅޮހިން މަރުހަބާ ކިޔަނީ

ރާއްޖޭގައި ޓޫރިޒަމް ފެށުނުތާ 16 ވަނަ އަހަރުން ފެށިގެން ރާއްޖެ އަންނަ އެންޑީ އަކީ ޖަރުމަނުވިލާތުގެ ރެއިލްވޭސްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި މީހަކާ ކައިވެނި ނުކޮށް ހުރި އެންޑީގެ އުމުރު މިހާރު 60 އާ ގާތް ކުރާ އިރު އޭނާ އެންމެ ފަރުވާތެރިކޮށް ކުރާ އެއް ކަމަކީ، ކޮންމެ އަހަރަކު ޗުއްޓީއަށް ރާއްޖެ އައުމަށްޓަކައި ވާ ތައްޔާރީއެވެ. ކޮންމެ އަހަރެއްގެ ޗުއްޓީއަށް ރާއްޖެ އައުމަށް ފަހު ޖެހިގެން އޮންނަ އަހަރު ރާއްޖެ އައުމަށްޓަކައި ތައްޔާރު ވެއެވެ. އޭނާގެ ރަހުމަތްތެރި ކުރާމާ މެދުވެރިކޮށް ޓިކެޓް ބްކުކުރެއެވެ.

ކުމާރާ އަކީ ޖަރުމަނުވިލާތުގައި ޓްރެވަލް އެޖޭންސީއެއް ހިންގާ މީހަކަށް ވުމާއެކު، އެންޑީ އެދޭ ގޮތަށް އެ ދަތުރު އޭނާ ހަމަޖައްސައި ދެއެވެ.

"އެންޑީ އަބަދުވެސް ބްކިން ހަދާނެ ކުރިއަށް އޮންނަ އަހަރަށް، އަދި ދޭތެރެ ދޭތެރެއިން ގުޅާނެ، ބުނާނެ ކުމާރާ، މިހާރު ބާކީ އޮތީ 302 ދުވަހޭ. ދުވަސް ދާ ވަރުވެސް ގުނަމުން ދާނީ އެންޑީ"
އެންޑީގެ ޓްރެވަލް ޕްލޭންއާ ބެހޭ ގޮތުން ކުމާރާ

އެންޑީ ރާއްޖެ އައި 27 ފަހަރުގެ ތެރެއިން 1 ފަހަރު ފިޔަވައި އޭނާ މުޅިންވެސް ޗުއްޓީ ހޭދަކޮށްފައި ވަނީ މާލެ އަތޮޅު ފިހާޅޮހީގައެވެ. ފިހާޅޮހި ނޫން ރިސޯޓެއްގައި އޭނާ ޗުއްޓީ ހޭދަކުރީ 2000 ވަނަ އަހަރު އެވެ. އެއީ ރ. އަތޮޅުގައި އޮންނަ ބަތަލާއެވެ.

"އަހަންނަށް ފިހާޅޮހި ނޫން ރަށެއް ކަމަކު ނުދިޔަ، ފިހާޅޮހީގެ ހިތްގައިމު މާހައުލެއް އެހެން ރަށަކުން ނުފެނޭ، ވަރަށް ރަށްފުށުގެ ގޮތް ހުންނަނީ، އޭރު ވޯޓާ ބަންގަލޯތަކެއްވެސް ނުހުރެ، އެހާ ރަހުމަތްތެރި ސްޓާފުން، މޫދު އަދި ރިލެކްސް ވުން"
އެންޑީ

އެންޑީ 26 އަހަރުގެ ޗުއްޓީ ހޭދަކޮށްފައި ވަނީ ފިހާޅޮހީގައެވެ. ފިހާޅޮހީގެ މުވައްޒަފުންނާއި ވެރިންނަކީ އޭނާއަށް އާއިލާއެއް ފަދަ ބައެކެވެ. އެރަށުގައި އޭނާ ހޭދަކުރާ 4 ވަރަކަށް ހަފްތާގައި އޭނާ ކުރާ ކަމަކީ، ގިނަ ވަގުތު ނިދުމާއި، މޫދަށް އެރި ފަތާލުމާއި، ދެން ދޭތެރެއަކުން ކަރޯކޭ ޖައްސާލުމެވެ. އޭނާ ބުނީ އެ 4 ހަފްތާގައި މަސައްކަތުގެ މާހައުލާ ދުރުގައި ހޭދަކޮށްލުމުން، ސްޓްރެސް ފިލާ ހިތްހަމަ ޖެހުން ލިބިގެން ދާ ކަމަށެވެ.

އޭނާ ބުނީ، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ އިތުރުން ކެރީބިއަން ހިސާބަށްވެސް ދިޔަ ކަމަށާއި، ރާއްޖޭން ލިބޭފަދަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށެވެ.

"ރާއްޖެއިން ރެޒިޑެންޓް ވިސާއެއް ދޭ ނަމަވެސް އަހަރެން ބޭނުން ވަނީ ފިހާޅޮހީގައި ހުންނަން" ފިހާޅޮއްސާ މެދު އޮތް ލޯބި ހާމަ ކުރަމުން އޭނާ ބުންޏެވެ.

އެންޑީއަކީ ހަމައެކަނި ފިހާޅޮހީގައި ޗުއްޓީ ހޭދަކޮށް ނިންމާލާ މީހެއްވެސް ނޫނެވެ. ލާން ގެންގުޅޭ ޓީޝާޓުގައި ފިހާޅޮހި ފޮޓޯ ޖަހައިގެން އަމިއްލައަށް ޕްރިންޓް ކޮށް ޓީވީ ޝޯއަށް އެރުމާއި ރައްޓެހިންނަށް ގުޅައިގެން ފިހާޅޮހީގެ ރީތި ވާހަކަ ދައްކާ ޕްރޮމޯޓުކޮށް، އެންޑީ އާއެކު ފިހާޅޮހީގައި ޗުއްޓީ ހޭދަކުރާނެ ރަހުމަތްތެރިން ތަކެއްވެސް ހޯދާފައިވާ މީހެކެވެ.

އެންޑީ ވަނީ 2018 ވަނަ އަހަރު ޖަރުމަނުވިލާތުގައި އޮތް ޓީވީ ޝޯއަކަށް، ފިހާޅޮހި ޖައިގެން ޓީޝާޓުލައިގެން އަރާފައެވެ. އަދި އެ ޝޯގައި ފިހާޅޮހީގެ ވާހަކަ ދައްކާ ޝޯގެ ބައިވެރިންނަށް އެ ރަށުގެ ވާހަކަ ކިޔައިދީފައެވެ.

އެންޑީ ފިހާޅޮހި ޓީޝާޓުގައި ޓީވީ ޝޯއެއްގައި ބައިވެރި ވަނީ

އޭނާ ފިހާޅޮއްސަށް ޗުއްޓީއަށް ކުރާ ދަތުރުގައި އޭނާއާއެކު އާންމުކޮށް ބައިވެރިވާ ބަޔަކުވެސް ތިބެއެވެ. އެމީހުންނަކީ ޖަރުމަނުވިލާތާއި، ސްވިޒަލަންޑު ފަދަ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ކޮވިޑްގެ މި ހާލަތުގައި މިއަހަރުގެ ޗުއްޓީގައި އެންޑީއާއެކު އެމީހުނަށް ބައިވެރި ނުވެވޭ ކަމަށް އެންޑީ ބުންޏެވެ. ނަމަވެސް އެމީހުނާ ފޯނުން ބައްދަލުވެ ވާހަކަ ދައްކާކަމަށްވެސް ބުންޏެވެ.

ފިހާޅޮއްސަށްޓަކައި އެންޑީގެ ހިތުގައި އޮތް ލޯތްބާއި ކުލުނުގެ ވާހަކަ ނިންމާލަމުން އޭނާ ބުނީ، ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު ކޮންމެ އަހަރަކު ފިހާޅޮއްސަށް އަންނާނެ ކަމަށެވެ.

"ނަމަވެސް މިހާރު ވަރަށް އަގު ބޮޑު، 4 ހަފްތާ ޗުއްޓީއަކަށް ވަރަށް ލާރި ދޭ، އެހެންވިޔަސް ހެޔޮ ހާލުގައި ހުރިއްޔާ އަންނާނަން"
އެންޑީ

"ދަ ޕްރެސް" އިން އެންޑީއަށް އެދެނީ ހިތްހަމަ ޖެހޭ ފުރިހަމަ ޗުއްޓީއެއް ލިބުމަށެވެ.