ގދ. ތިނަދޫގައި އެމްޓީސީސީއާ ހަވާލުކޮށްގެން ގާއިމް ކުރަމުންދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާލުމަށްފަހު އެތަން ސަރުކާރާ ހަވާލުކޮށްފިއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިތީ ގާއިމްކުރަން ހަވާލުވި ކުންފުނި އެމްޓީސީސީން ބުނީ، ގދ. ތިނަދޫގައި ކޮވިޑް ފެސިލިޓީ ގާއިމް ކޮށް ނިމިފައިވަނީ 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހު މިނިސްޓްރީ އޮފް ޕްލެނިންގް އަށް ހަވާލުކޮށްފައިވާ ކަމަށެވެ.

22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް ތިނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ފަށަފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. އަދި މި މަޝްރޫއު ނިންމާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ގއ. ވިލިނގިލީގައި ހުންނަ އެ ރީޖަންގެ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެރަށަށް ބަލިމީހާ ނޭރުވުމުގެ ސަބަބުންނެވެ. ބަލި މީހާ ވިލިނގިއްޔަށް ނޭރުވި މައްސަލަ ހޫނުވެ ގިނަ ބަޔަކު ވަނީ އެ ރީޖަންގެ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ގޮވާލާފައެވެ. އަދި އެތައް ދެބަސްވުމަކަށްފަހު އެ މައްސަލައިގައި ނިންމީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި ކޮވިޑް ބަލީގައި މީހުންނަށް ފަރުވާދެވޭ ހާއްސަ 7 ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ހއ. އިހަވަންދޫ ފެސިލިޓީގައި 3 އައިސީޔޫ ބެޑް ހުރިއިރު، ފުވައްމުލަކު ފެސިލިޓީގައި 3 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. މި ދެ ފެސިލިޓީއަކީ ޓްރާންސިޓް ފެސިލިޓީތަކެެވެ.

އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫ ފެސިލިޓީގައި 30 އައިސީޔޫ ބެޑާއި 37 އައިސޮލޭޝަން ބެޑް ހުރިއިރު، ބ. އޭދަފުށި ފެސިލިޓީގައި 20 އައިސީޔޫ ބެޑާއި 25 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. އަދި ލ ގަން ފެސިލިޓީގައި 15 އައިސީޔޫ ބެޑާއި، 13 އައިސޮލޭޝަން ބެޑް ހުރިއިރު، ގއ. ވިލިނގިލި ފެސިލިޓީގައި 18 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑްގެ އިތުރުން އައްޑޫ ފެސިލިޓީގައި 23 އައިސީޔޫ ބެޑާއި 20 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ.