ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފިޔަވަތިން ޕޮޒިޓިވްވި 7 ކުޑަކުއްޖަކާއި 6 މުވައްޒަފަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއާ އެކު މިހާރު ޖުމްލަ 36 ކޭސް ވަނީ ފެނިފައެވެ.

އޭގެ އިތިރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި އެއްވެސް ފަރާތެއް އަދި ބަލިން ރަނގަޅު ނުވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިޔަވަތިން 11 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ ފިޔަވަތީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުންކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

އަދި އެފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.

އެ ކުދިންގެ ޓެސްޓް ކޮށް އިތުރު 8 ކުދިން ޕޮޒިޓިވް ވެފައި ވާއިރު، އެ ކުދިންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ކެއާވޯކާ އާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު މޮނިޓާކޮށް އެދެވޭ ފަރުވާ ދެމުން ދާކަމާ ހާލު ރަނގަޅު ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

ޕޮޒިޓިވްވި އެހެނިހެން ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީ އަކަށް ބަދަލުކުރެވިފައި ކަމަށާއި އެ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ވެސް ޖެންޑާއިން ބުނެއެވެ.