ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ވައްދައިފިއެވެ.
އަމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ 24 މެމްބަރުންގެ ސޮއިއާއެކު ކަމަށް މަސްދަރުތަކުން ބުނެއެވެ.
މިމައްސަލަ 24 މެމްބަރުންގެ ސޮއިއާއެކު މަޖިލީހަށް ހުށަހެޅިކަން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން މިހާރު ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދެއްވާފައިވާ އިރު މީގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ހިމެނެއެވެ.
މިކަން ހާމަކުރައްވާ މީކާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެލްތް މިނިސްޓަރު އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަން ކުރައްވާފައި ވާ ކަމަށާއި، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގައި ހުރުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އޭނާގެ އިތުބާރު ނެތްކަމަށް މަޖިލިސް ތަޅުމަށް ހުށައެޅުމަށް ސޮއި ކުރައްވައިފި ކަމަށް މީކާއިލް ވިދާޅުވިއެވެ.
އަމީންއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ވައްދަން ރުހުން ދިން އެމްޑީޕީ މެމްބަރުންގެ ލިސްޓު މިހާރު ސޯޝަލް މީޑިއާ ދައުރުވަމުންދާ އިރު މީގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނަޢިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.
24 މެމްބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ މިއަދު އެޕާޓީގެ ޕީޖީ ގްރޫޕުން މިނިސްޓަރު އަމީނަށް ރުހުން ދީފައި ވަނިކޮށެވެ.
މިއަދު އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ކުރިއަށް ދިޔަ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 24 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށެވެ. އަދި 27 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެއެވެ.