މި ސަރުކާރުގެ ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު (ޕީޖީ) ގައި މިއަދު ނެގި ވޯޓުން ފާސްވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ މިއަދު އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ކުރިއަށް ދިޔަ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 24 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށެވެ. އަދި 27 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށެވެ.

އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެއެވެ. އެހެންކަމުން މިއަދު ނެގި ވޯޓުން ވަނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށް ފާސްވެފައެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް އެ މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ނިންމާފައި ވަނީ ފިނޭންސްގެ ގަވައިދުގެ ތެރޭންކަން އޭސީސީންވެސް ގަބޫލުކުރާ ކަމަށާއި އެގޮތުން އިދާރީ، ގަވައިދާ ހިލާފު މައްސަލަތައްވެސް ހުރިކަން ޕީޖީ ފާހަގަ ކުރެއްވާފައި ވެއެވެ.

މީގެ އިތުރުން މިއަދު ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ލިބުނު މައުލުމާތުގެ އަލީގައި ކަމަށެވެ. އެ މަސައްކަތް ކުރައްވާފައި ވަނީ ހެޔޮ ނިޔަތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭސީސީ އާއި ފުލުހުންނަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. މި ކަމުގެ ތަހުގީގު ފެށުމާއެކު ހެލްތު މިނިސްޓަރު ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި މި ތަހުގީގާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތުމުން މިހާރު ހެލްތު މިނިސްޓްރީގެ ކަންކަމާ ހަވާލުވެވަދާއިގެން ހުންނެވީ ހައުސިން މިނިސްތަރު މުހައްމަދު އަސްލަމެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލަައެއް ކަމަށް އޭސީސީން ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ގެންނަން ހަމަޖެއްސި 75 ވެންޓިލޭޓަރުތަކުގެ މައްސަލަތަކެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.