ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރު މައްސަލައިގައި މީހަކަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ،
މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް އެ މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ.
ވެންޓިލޭޓަރު ތައް ގެނައުމަށް ނިންމާފައި ވަނީ ފިނޭންސްގެ ގަވައިދުގެ ތެރޭންކަން އޭސީސީންވެސް ގަބޫލުކުރާ ކަމަށާއި އެގޮތުން އިދާރީ، ގަވައިދާ ހިލާފު މައްސަލަތައްވެސް ހުރިކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮރަޕްޝަން ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޖީ ވިދާޅުވީ ބިޑް ކޮމެޓީން އެއްވެސް ފަރާތަކަށް ފައިދާވާ ގޮތަށް ކަމެއް ކޮށްފައި އޮތްކަމަށް ސާބިތު ކޮށްދެވޭ ވަރަށްވެސް ހެކި ލިބިފައި ނުވާ ކަމަށެވެ.
ޕީޖީ އެފެދައިން ވިދާޅުވެފައި ވާއިރު، ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.
ނަމަވެސް މިއަދު އެ އޮފީހުން ވަނީ އެއްވެސް މީހަކަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށް ފަހު، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި، އިއްޔެ އެ މައްސަލަ ޑިކްލައިން ކޮށްފައިވާ ކަމަށެވެ.
އެއާއެކު އޭސީސީން ބުނެފައި ވަނީ ޕީޖީން ފާހަގަ ކޮށްފައިވާ ކަންތައްތައް ބެލުމަށްފަހު އަލުން އެ މައްސަލަ ފުލުހުންނާ ގުޅިގެން ބެލުމަށް ނިންމާފައިވާ ކަމަށެވެ.