ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ހިތްފަސޭހަ ކަމާއެކު ދަތުރުގޮސް އުޅެވޭނެގޮތަށް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ފަރުހިލާ ތުނޑީގެ ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށެވެ. މިއީ މިރަށުގައި އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން، އެ ތަން ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެހެން މިހާރު ހިޔާވާނެ ގޮތަށް އަތިރމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ގާއިމް ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅައި، 2500 ލީޓަރުގެ ފެންޓޭންކެއް ވެސް ބެހެއްޓިފައިވާ ކަމަށާއި އަދި އެ ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް އެސަރަހައްދުގައި ޑަސްޓްބިން ވެސް ބަހައްޓާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ލިބިފަ. ވޭމަންޑޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ ބުރަ މަސައްކަތެއް ނިންމާލުމުގައި މި މަސައްކަތް ރާވައި ހިންގެވުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން.
ުބީއެމްއެލްގެމެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދ
އަޅުގަނޑުމެން ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން. އަދި މުސްތަގުބަލުގައި މިސަރަހައްދު އިތުރަށް ތަރައްގީކޮށް އަވައްޓެރި ރަށްތަކުގެ ރައްޔިތުން ވެސް މިސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ ތަސައްވަރު.
ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބުކުރި ފަހުދު އަބްދުއް ޝަކޫރު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފައެވެ.