ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ފަލަސްތީނުގެ އިސް ވަކީލު ސާއިބު އުރައިގާތުގެ ހާލު ދެރަވެ، އިތުރު ފަރުވާ ދިނުމަށް އިސްރާއީލުގެ ހޮސްޕިޓަލަކަށް ގެންދެވިފައި ވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ވަކީލު، ސާއިބު އުރައިގާތަށް ކޮވިޑް-19 ޖެހިފައި ވާ ކަން ހާމަކޮށްފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅުއްވަމުން ގެންދަވާ އުމުރުން 65 އަހަރުގެ ސާއިބު އުރައިގާތުގެ ހާލު ދެރަވެގެން، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އިސްރާއީލުގެ އެމްބިއުލާންސްއަ ކަށް އަރުވާތީ ފެނިފައި ވާ ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކިޔައިދީފައެވެ.

ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ސާއިބު އުރައިގާތުގެ ސިއްހީ ހާލު ދެރަވަމުން އަންނަ ކަން، ޕީއެލްއޯގެ ނެގޯސިއޭޝަންސް އެފެއާޒް ޑިޕާޓްމަންޓްއިން އާންމު ކުރި ބަޔާނެއްގައި ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ސާއިބު އުރައިގާތަކީ ކޮވިޑް-19އަށް ޕޮޒިޓިވްވި އިރުވެސް ސިއްހީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުންނަ ފަރާތެއް ކަމުން، މިހާލަތުގައި އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ސާއިބު އުރައިގާތު ވަނީ ފުއްޕާ މޭ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް، 2017 ވަނަ އަހަރު އެމެރިކާގައި ކޮށްފައެވެ.

ތެލް އަވީވްގެ މެޑިކަލް ފެސިލިޓީއެއްގައި ފަރުވާ ދިނުމަށް ފަހު ގުދުސްގެ ހަދާސާ ހޮސްޕިޓަލަށް، ސާއިބު އުރައިގާތު ބަދަލު ކުރެވިފައި ވާ ކަމުގެ މައުލޫމާތުވެސް ލިބެއެވެ.

ކަން މިހެން އޮތްއިރު، ސާއިބު އުރައިގާތުގެ އާއިލީ މެމްބަރެއް ކަމަށް ވާ ސޯބިރު އުރައިގާތު ވަނީ، ސާއިބު އުރައިގާތުގެ ހާލު ރަނގަޅު ނޫންކަން ކަށަވަރު ކޮށްދީފައެވެ.

ފަލަސްތީނުގެ ފަރާތުން އެކި ކަންކަމުގައި ވަކާލާތު ކުރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރައްވަމުން ގެންދަވާ ސާއިބު އުރައިގާތަކީ، ގަވައިދާ ހިލާފަށް އިސްރާއީލުން ހިންގާ ވަޒަންވެރި ވުމުގެ ސިޔާސަތާ ދެކޮޅަށް އަޑުއުފުއްލަވާ ޝަހްސެކެވެ.