ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޕެޓްރޯލު ޝެޑުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެފްއެސްއެމް އިން ބުނީ ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭގައި ވެހިކަލް ދުއްވޭނެ ވަގުތުތަކަށް ނެގައި ބަދަލާ ގުޅިގެން ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގައި އެފްއެސްއެމްގެ ޕެޓްރޯލު ޝެޑުތަކުން ހެނދުނު 08:00 އިން ރޭގަނޑު 10:30 އަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެފްއެސްއެމް އިން ބުނީ ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 03:00 އިން 03:30 އަށް ޑިސްއިންފެކްޓު ކުރުމަށް ޕެޓްރޯލް ޝެޑުތައް ބަންދު ކުރާނެ ކަމަށެވެ. އަދި ކޮންމެ ނަމާދު ގަޑިއަކަށް 25 މިނެޓަށް ޕެޓްރޯލް ޝެޑުތައް ބަންދުވާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެޗްޕީއޭން ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅައިފައި ވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކޮށްފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.
އެ ފިޔަވަޅާއެކު މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތް ދެވޭ ވަގުތުވެސް ވަނީ އިތުރު ކޮށްފައެވެ.