ރާއްޖެ އިން ލަންކާ އަށް މަސް އިމްޕޯޓު ކުރަން ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުގެ އިސްވެރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެއްވައިފިއެވެ.
މިނިސްޓަރު ޝާހިދު ރޭ ވިދާޅުވީ ރާއްޖެ އިން ލަންކާ އަށް މަސް އެކްސްޕޯޓު ކުރަން އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ޑަގްލަސް ދެވަނަންދާގެ އިތުރުން ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޖިތް ނިވާދް ކަބްރާލް އާއެކު ކުރެވުނު މަޝްވަރާތަކުގައި ދެއްވާފައިވާ ކަމަށެވެ.
އަދި އެކަމަށްޓަކައި މިނިސްޓަރު ވަނީ ލަންކާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ލަންކާއަށް އެހެން ގައުމަކުން މަސް އެތެރެނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ އާސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް ރާއްޖެއިން ދަނީ ލަންކާއަށް މަސް އެކްސްޕޯޓް ކުރަމުންނެވެ. ނަމަވެސް ލަންކާ އިން މި ޔަގީންކަން ދީފައި މިވަނީ އެގައުމުގެ އާ ސަރުކާރުން އެގައުމަށް މަސް އެކްސްޕޯޓު ކުރުން މަނާ ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެެކަމަކު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ލަންކާއަށް ރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުން ނަމަވެސް މާބޮޑު ގެއްލުމެއް ނުވާނެ ކަަމަށާއި ރާއްޖޭގެ އަމާޒަކީ އަގުބޮޑު ބާޒާރުތަކަށް މަސް ވިއްކުން ކަމަށެވެ. އަދި ލަންކާއިން އެހާ ބޮޑު އަގެއް ނުލިބޭކަން ވެސް ފާހަގަ ކުރެއްވިއެވެ.