ހދ. ނޮޅިވަރަމުން ކުޑަކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ކުއްޖާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމުން ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވީ އެއް އަހަރުގެ ކުއްޖެކެވެ. އަދި އެކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ހދ. އަތޮޅުގެ އިތުރު ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިފައި ވާއިރު، މިއަދު އެ އަތޮޅު ކުޅުދުއްފުށިން ވަނީ އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއެކު އެ ކްލަސްޓާގެ 15 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެ ކްލަަސްޓާއާ ގުޅިގެން އުތުރުގެ 3 އަތޮޅަކުން 6 ރަަށެއް މޮނިޓަރިންއަށް ލިއެވެ. އޭގެ ތެރޭގައި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ ހިމެނެއެވެ. ނަމަވެސް މިހާރު އެ ރަށްތައް ވަނީ މޮނިޓަރި އިން ނަގާފައެވެ.