މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން، ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 3:00 އިން މިރޭ 9:00 އަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރިހާ ރަށްތަކަށެވެ. އެގޮތުން، އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ކަނޑުގަދަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.