ކޮންމެ ލަގަބެއް ދިން ކަމުގައިވީ ނަމަވެސް ގެސްޓްހައުސް ވިޔަފާރީގެ ރޭވުންތެރިންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އަބްދުﷲ ރަޝީދު (އައިސީ) ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގެއެވެ. އެގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ "ކިންގް"، "ބާނީ'، "ޒައީމް"، "ދޮންބެ" މިއިން ކޮންމެ ލަގަބެއް އިހްތިޔާރު ކުރި ނަމަވެސް، ގެސްޓްހައުސްތަކުގެ ރޭވުންތެރިންނަކީ ނަޝީދާއި އައިސީ ކަމަށެވެ.

ހަމައެއާއެކު، ގެސްޓްހައުސް ވިޔަފާރި ނުވަތަ ކުދި ހޮޓަލުގެ ވިޔަފާރިން ކުރާ ފަތުރުވެރިކަމުން ސީދާ ގޮތުގައި މަންފާ ކުރަނީ އާންމު ރައްޔިތުންނާއި ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ކަން ވެސް މިނިސްޓަރު މައުސޫމްގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުންނަތާ އެތަށް މަހެއް ފަހުން ގެސްޓްހައުސްތައް ހުޅުވީ އިއްޔެއެވެ. އެގޮތުން، 9 ރަށަކުން 16 ގެސްޓްހައުސްއެއް އިއްޔެ ވަނީ ހުޅުވާފައެވެ.

އޭގެ ތެރެއިން، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ކަމަށްވާ، 253 އެނދުގެ "ކާނި ޕާމް ބީޗް" ގެސްޓްހައުސް ހުޅުވައި ދެއްވުމަށް މިނިސްޓަރު މައުސޫމް ވަނީ އިއްޔެ ކ. މާފުއްޓަށް ވެސް ވަޑައިގެންފައެވެ. 12 ބުރިއަށް ހަދާފައިވާ ކާނި ޕާމް ބީޗްއަކީ ހަތަރު މިލިއަން ޑޮލަރު (ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެކެވެ. އެ ގެސްޓްހައުސްގައި 253 އެނދު ހުންނައިރު، އިވެންޓުތައް ބާއްވަން ހާއްސަކޮށް 130 މީހުންގެ އިވެންޓު ހޯލެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ގެސްޓްހައުސްގެ މަތީގައި މާފުށި މަތިން ރަށް ފެންނަ ގޮތަށް އިންފިނީޓީ ޕޫލެއް ހަދާފައިވުމުގެ އިތުރުން ސްޕާ އާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި ވެއެވެ.