މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން، ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 3:00 އަށް، ށ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެގޮތުން، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ކަނޑުގަދަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި އާނމު ވައިޖެހޭއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެއެވެ. މެޓް އޮފީހުން ފުރަތަމަ ޔެލޯ އެލާޓް ނެރުނީ، މިއަދު ހެނދުނު 7:00 އިން 11:00 އަށެވެ. ނަމަވެސް އެ އިދާރާއިން ވަނީ ޔެލޯ އެލާޓްގެ މުއްދަތު ހަވީރު 3:00 އަށް ދަންމާލާފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.