8 މީހުންނާއެކު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓި ދިޔަވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މި ބޯޓު ދިޔަވާކަމުގެ ރިޕޯޓް ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. "އިސްގުބާރު" ނަމަކަށް ކިޔާ މި ބޯޓު ދަތުރުކުރަމުން ދިޔައީ މ. ކޮޅުފުށިން ތ. ވިލުފުއްޓަށެވެ.

އެމްއެންޑީއެފުން މިހާރު ވަނީ އެ ބޯޓު މ. ކޮޅުފުއްޓަށް ވައްދާފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:33 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އިންޖީނު ހުއްޓި، ދިޔަވަމުން ދިޔަ ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، އެ ބޯޓު ދަތުރުކުރި ސަރަހައްދަށް މިއަދު ހެނދުނު 7:00 އިން ފެށިގެން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި ކަނޑު ދަތުރު ކުރުމަކީ ރައްކާތެރި ގޮތް ނޫންކަމުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަސް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން، ށ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވޭރޭވުހުމާއެކު، ކަނޑުގަދަވެ، ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ.