ގައުމިއްޔަތެއް އުފެދިގެން އަންނަނީ މުޖުތަމައުގައި އުޅޭ ނިކަމެތި އަދި ވޭން އަޅާ މީހުނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގައި ދޭ ތެލަސީމިއާ ފަރުވާ ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ތެލެސީމިޔާ ބަލީގައި މަރުގެ ތުންފަތްމަތީގައި ހޭދަ ކުރަންޖެހޭ އާއިލާތަކުގެ ވޭނާއި، މާޔޫސްކަން ގިނަ ރައްޔިތުންނަށް އިހުސާސު ނުކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބްލަޑް ބޭންކުތަކުން ލޭ ހުސްވެ، ތެލެސީމިއާ ކުދިންނަށް ލޭ ނުލިބޭ ކަމުގެ ކަންބޮޑުވުންތަކާއި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދާ ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އެފަދަ މައްސަލަތަކަށް އެންމެން އެކުގައި މަސައްކަތްކޮށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމިއްޔަތެއް އުފެދިގެން އަންނަނީ، ނިކަމެތި މީހާ، ބަލިކަށި މީހާ، ވޭނުގައި ހުރި މީހާ އާމެދު އަމަލު ކުރާ ގޮތްތަކުގެ މައްޗަށް ކަމަށެވެ. އަދި ތެލެސީމިޔާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމަކީ އެކަމުގެ މިސާލެއް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ އަމާޒަކީ އަދި އިޖުތިމާއީ ކޮމިޓީގެ ވެސް ބޭނުމަކީ ތެލަސީމިއާ ކުދިންނަށް އުއްމީދެއް ދިނުން ކަމަށެވެ. އަދި ރައްޔިތުންނަށް އުއްމީދު ގެއްލި ނުދާނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުމަކީ މަޖިލީހުގެ އަބަދުވެސް އަމާޒު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.