އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ށ އަތޮޅާއި އދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ. އެ ޔެލޯ އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 7:45 އިން 11:45 އާ ދެމެދެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލު ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މި ވަގުތުތަކުގައި މި އަތޮޅުތަކަށް ކަނޑުވެސް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރޭ 8:00 އިން މިރޭ 8:00 އަށް މެޓް އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތުގަިއ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދައިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނަކަށް އަރާނެ ކަމަށް ލަފާ ކޮށް، މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.