ލ. ކައްދޫއަށް ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން އިތުރު 3 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީންގައި ތިބި ސިފައިންގެ ތެރެއިން އިއްޔެ އެކަކު ޕޮޒިޓިވް ވެފައި ވާކަމަށާއި މިއަދު 3 މީހަކު ޕޮޒިޓިވް ވެފައި ވާކަމަށެވެ. އަދި މިވަގުތު ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 31 ސިފައިން ތިބިކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިއަދު އިތުރަށް ޕޮޒިޓިވްވި 3 މީހުންނާ އެކު ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 63 އަށް އަފާއެެވެ.
ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ކޮވިޑް 19އަށް ފުރަތަމަ ޕޮޒިޓިވް ވީ މިމަހުގެ ތިން ވަނަ ދުވަހެވެ. އެ ދުވަހު ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 35 ސިފައިންނެވެ.
ސިފައިންގެ ތަމްރީން ޕްރޮގްރާމަކަށް ސިފައިންގެ 93 މީހަކު ވަނީ އެރަށަށް ދަތުރުކޮށްފައެވެ. މިތަމްރީން ޕްރޮގްރާމަށް ސިފައިން ގަމަށް ދަތުރު ކޮށްފައިވަނީ މިދިޔަމަހުގެ 19ވަނަ ދުވަހެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ ކަރަންޓީނަށް ފަހު ނެގި ސާމްޕަލުންނެވެ. އެ މީހުން ތިބެނީ ލ.ގަމުގައި މީހުން ދިރިނޫޅޭ ސަރަހައްދުގައި ހަދާފައިވާ އެމްއެންޑީއެފް ކޭމްޕް ސައިޓެއްގައެވެ.