ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ލައިޓްހައުސް / ގއ. ވިލިނގިލި ޝަހީބް އިބްރާހިމް އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރުކަމުން ސަސްޕެންޑު ކޮށްފިއެވެ.

ޕީއެންސީން ބުނީ އެ ޕާޓީގެ ކައުންސިލް މެންބަރު ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން އެ މަައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެ ޕާޓީގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އެ އޮޕްރޭޝަން ގައި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބި ފަރާތް ތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައި ވަނީ ޝަހީބް އިބްރާހިމް ކަމަސްވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމައްސަލާގައި ޝަހީބް އިބްރާހިމްއާ ޖާމިނު ކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައި ވާއިރު އަހުމަދު މޫސާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އެކޯޓުން ވަނީ ދީފައެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ އެޕްރޭޝަން ހިންގި ގޮތް ހާމަ ކުރަމުން ފުލުހުން ބުނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައި ވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައި ވާކަމަށްވެސް ބުނެއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދިފައި ވާ ކަމަށާއި، އެ ތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުުހުން ބުނެއެވެ.