ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުސަ އާންމުކޮށް ހުޅުވާލައިފިއެވެ.

ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އެ ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެއްކަމަށް އެެމްޑީއެފުން މައުލޫމާތު ދެއެވެ. އެ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން ގައެވެ.

އެ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، އޮކްޓޫބަރު 28. 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ބުނީ އެ ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިިމެނޭ ކަމަށެވެ.

އޭއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) އާއި އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ހިމެނޭ ކަމަށާއި އެ ޓެސްޓް ތަކަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓް ތަކެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ކެމިސްޓްރީ، އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް، މެތަމެޓިކްސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ލީގަލް ސްޓަޑީޒް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، ފިލޯސަފީ، ސައިކޮލޮޖީ އަދި ސޯސިއޮލޮޖީ ހިމެނެ ކަމަށެވެ. އޭގެ އިތުރުންވެސް މޭޖާ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓުން ލިބިގެންދާނެ ކަމަށެވެ.

އެ ކޯހާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފް ހެޑްކްއޯޓަޒް ފޯނު ނަމްބަރު 3322607 އަށް ގުޅާ، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިން އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުލާ އިތުރު މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް އިން ޑައުން ލޯޑް ކުރެވޭނެއެވެ.