ހެލްތް މިނިސްޓްރީގެ ކޮވިޑާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތަކެއްގައި މިނިސްޓަރު އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެ މަސައްކަތް އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައި ވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ.

ދައުވާ ކޮށްދިނުމަށް އެދުނު ފަރާތްތައް:

އެމައްސަލައިގައި އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

އޭގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް ކަމާއި ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސްއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަސްލަމްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އަސްލަމްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ (1) އާއި 311 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ދައުވާ ކުރުމަށް ޕީޖީ އަށް ވަނީ ފޮނުވާފައެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުގައްމަދާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާ، އަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދިމިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.

އޭސީސީން ބުނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. އެގޮތުން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެމައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭސީސީ އާއި ފުލުހުންނަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. މި ކަމުގެ ތަހުގީގު ފެށުމާއެކު ހެލްތު މިނިސްޓަރު ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި މި ތަހުގީގާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތުމުން މިހާރު ހެލްތު މިނިސްޓްރީގެ ކަންކަމާ ހަވާލުވެވަދާއިގެން ހުންނެވީ ހައުސިން މިނިސްތަރު މުހައްމަދު އަސްލަމެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލަައެއް ކަމަށް އޭސީސީން ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ގެންނަން ހަމަޖެއްސި 75 ވެންޓިލޭޓަރުތަކުގެ މައްސަލަތަކެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.