2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ކާރިސާގައި މުޅި ދުނިޔެ އިނދަޖެހިފައިވާ ހާލުގައި ފާއިތުވެގެން މިދާ 2020 ވަނަ އަހަރު، އެންމެ އުފަލުގައި އުޅެނީ ޗައިނާ މީހުން ކަމަށް ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.

މާކެޓް ރިސާޗްގެ ރޮނގުން ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފަރަންސޭސި ކުންފުނި އިޕްސޮސްއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކުން މައުލުމާތު އެއްކޮށްގެން ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާއަށް ބަލާއިރު ޗައިނާއާއި ނެދަލަންޑްސްއިން ސާވޭގައި ބައިވެރިވި ކޮންމެ 10 މީހަކުން 9 މީހަކު ވަނީ "ވަރަށް އުފާވާ" ކަމަށް ބަޔާންކޮށްފައެވެ. ސައުދީ އަރަބިއްޔާއިން ސުވާލުކުރި ކޮންމެ 10 މީހަކުން 8 މީހަކު ވަނީ "ވަރަށް އުފާވާ" ކަމަށް ބަޔާންކޮށްފައެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތެއްގައި ބައިވެރިވި ބައެއް މީހުން/ފޮޓޯ: ވެރައިޓީ

2020 ވަނަ އަހަރު އެންމެ އުފަލުގައި މީހުން އުޅޭ ކަމަށް ސާވޭއިން ދެއްކި ގަދަ 10

  1. ޗައިނާ: 93 ޕަސެންޓް
  2. ނެދަލަންޑްސް: 87 ޕަސެންޓް
  3. ސައުދީ އަރަބިއްޔާ: 80 ޕަސެންޓް
  4. ފަރަންސޭސިވިލާތް: 78 ޕަސެންޓް
  5. ކެނެޑާ: 78 ޕަސެންޓް
  6. އޮސްޓްރޭލިއާ: 77 ޕަސެންޓް
  7. ގްރޭޓް ބްރިޓަން: 76 ޕަސެންޓް
  8. ސްވީޑަން: 74 ޕަސެންޓް
  9. ޖަރުމަނުވިލާތް: 73 ޕަސެންޓް
  10. ބެލްޖިއަމް: 71 ޕަސެންޓް

އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމަށް ވަކާލާތު ކުރާ އެމެރިކާއަށް، ގަދަ 10 އިން ޖާގަ ލިބޭ ގޮތެއް ނުވިއެވެ. އިޕްސޮސްގެ ސާވޭގައި ބައިވެރިވި އެމެރިކާ މީހުންގެ ތެރެއިން، "ވަރަށް އުފަލުގައި" އުޅޭ ކަމަށް ބަޔާންކޮށްފައި ވަނީ އެންމެ 70 ޕަސެންޓް މީހުންނެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. އިޕްސޮސް ސާވޭއިން އިންޑިއާއަށް 13 ވަނަ ލިބޭއިރު، ސާވޭގައި ބައިވެރިވި އިންޑިއާ މީހުންގެ ތެރެއިން 66 ޕަސެންޓް މީހުން ވަނީ، އެމީހުން ނަކީ "ވަރަށް އުފަލުގައި" އުޅޭ ބައެއް ކަމަށް ބަޔާންކޮށްފައެވެ.

އިޕްސޮސްއިން މި ދިރާސާ ކުރިއަށް ގެންދިޔައީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުން އޯގަސްޓް 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ސާވޭގައި ބައިވެރި ކުރުމަށް ކަނޑައެޅި 27 ގައުމުގެ ތެރެއިން، ކޮންމެ ގައުމަކުންވެސް 1000 މީހުން ބައިވެރިކޮށްގެންނެވެ. ސާވޭ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ޕްލެޓްފޯމުގައެވެ.

ސައުދީ އަރަބިއްޔާގައި އަންހެނަކާ ފިރިހެނަކު އެކުގައި ރެސްޓޯރަންޓްއަކަށް ދަނީ/ފޮޓޯ: ރޮއިޓާޒް

ދިރާސާގެ ހުލާސާއަކަށް ބަލާއިރު، 27 ގައުމުގެ ކޮންމެ 10 މީހަކުން 6 މީހަކު އުޅެނީ އުފަލުގައެވެ. 2019 ވަނަ އަހަރުގެ ސާވޭއާއި އަޅާ ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުވަސްތައް ގުނަމުންދާ 2020 ވަނަ އަހަރު، އުފާވެރިކަމުގެ ނިސްބަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއާ ހިލާފަށް، ޗައިނާ، ރަޝިއާ އަދި އިޓަލީވިލާތާ މެލޭޝިއާ ފަދަ ގައުމުތަކުގައި މީހުން އިތުރަށް އުފާވި ކަމަށް ސާވޭއިން ވަނީ ދައްކާފައެވެ.

ސާވޭގެ ބައިވެރިންގެ އަގުލަބިއްޔަތުން އިއްތިފާގުވެފައި ވާ ގޮތުގައި އެންމެ ބޮޑު އުފަލަކީ ސިއްހީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމެވެ. ދެވަނައީ ހަޔާތުގެ ބައިވެރިޔާއާއި އޮންނަ ގުޅުމެވެ. އަދި ދަރިންނާ އޮންނަ ގުޅުމުން ލިއްބައިދޭ އުފާވެރިކަމެވެ.

ސައުދީ އަރަބިއްޔާއަށް ބަލާއިރު، އެންމެ ބޮޑު އުފަލެއް ކަމުގައި ފާހަގަކޮށްފައި ވަނީ ދީނެވެ.