ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުވައްމުލަކު ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންގެ އިތުރުން 28 އަހަރުގެ މީހަކު ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ދެ މީހަކަށް 12 ދުވަހުގެ މުއްދަތު ދީފައިވާއިރު އެކަކަށް ހަތް ދުވަސް އަދި އަނެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން، އިއްޔެ ފުލުހުން ވަނީ އދ އަތޮޅުގެ ދެ ރަށެއްގައި ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެގޮތުން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މާމިގިއްޔަށް ބަނގުރާފުޅިތަކެއް އެތެރެކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުގައި ހުރި ގަސްތަކެއްގެ ތެރެއިން ފަސް ފުޅި ބަނގުރާ ހޯދާފައިވެއެވެ.
އަދި މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް ވަނީ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި އެރަށު ފަޅުގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި ދެ މައްސަލައިގައި ވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މިމައްސަލަތައް ތަހުގީގު ކުރަމުންނެވެ.