ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ކުރަން، މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެބާވަތުގެ އިސްލާހެއް ނޫން ކަމަށެވެ.

ނަމަވެސް މިކަމުގައި އެމަނިކުފާނުގެ "އަތް ބަނދެވިފައިވާ" ކަމަށާއި މަޖިލިހުގެ ގަވައިދުގެ ތެރެއިން ބިލްގެ ފުރަތަމަ ކިއުމާއި އިބްތިދާއީ ބަހުސް ހިނގާނެ ކަމަށާއި ބިލަށް ހައްދަވާނެ ގޮތެއް ނިންމަވާނީ މެންބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވަނީ ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ
ނަޝީދު

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުުވަމުން އަންނައިރު، ރައްޔިތުންނަށް އެ ލިބޭ ގެއްލުމުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު 'ބަރުލަމާނީ ނިޒާމަކަށް' ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވި ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ލީޑަރުން ވެސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މުހިއްމު މަސައްކަތްތަކެއް އެ މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަމަށެވެ.