ކުރިއަށް އޮތް 2 ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ އަތޮޅުތަކުގެ މަތީ އުފެދެމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައްގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގެ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި އާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިއަދު ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ހަމައަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފއިވާއިރު، މިއަދު ހެނދުނު ވަނީ ބ އަތޮލުން އދ އަތޮޅަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އަދި ރ އަތޮޅުން ވ އަތޮޅަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.