ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަ މިސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވިޓެއްގައި ވަނީ މިކަމާ ގުޅިގެން ސަރުކާރުން ހުސް ވާހަކަތައް ނުދެއްކުމަށާ އޮއްޓަރު ހުރި އެންމެ މިސާލެއް ވެސް ދެއްކުމަށް ގޮވާލައްވާފައެވެ.
އޭގެ އިތުރުން އެ ހިތްވަރު ސަރުކާރުގެ ހުންނަން ވާނެ ކަމަށާއި އެފްޓީއޭ ގެ ސަބަބުން ރާއްޖެއަކީ ސީފުޑް އަދި " އަގުބޮޑު މުދަލުގެ" ރީއެކްސްޕޯޓު ހަބް އަކަށް ހެދޭނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު އެހެން ވިދާޅުވެފައިވަނީ ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތްގޮތަށް ކުރިއަކަށް ނުގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެފްޓީއޭ ތަންފީޒުކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގައި ނަޝީދު ވިދާޅުވުމާ ގުޅިގެން ސައީދު ވަނީ މީގެ ކުރިން އެ އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު އެފްޓީއޭ އެގްރީމަންޓުގައި ސޮއިކުރީ 2014ވަނަ އަހަރުއެވެ. ރާއްޖޭގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރީ ސައީދެެވެ. ސޮއެކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަށް ވިދާޅުވެފައެވެ.