"ކޮންވާސް ވިތް މިނިސްޓާ" ހަރަކާތަކީ އަންހެން ކުދިންގެ އަޑުއަހާ އެ ކުދިން ބާރުވެރިކުރުވާ، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓާ އައިޝަތު އެހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންވާސް ވިތް މިނިސްޓާ" ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިހަރަކާތަކީ މި އަހަރުގެ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ކުދިންގެ އަޑުއަހައި، އެކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 10 އަހަރާއި 17 އަހަރާއި ދެމެދުގެ އަންހެން ކުދިން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ބައިވެރިވި ކުދިން މިނިސްޓަރާ ކުރި ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކަންކަން ނިންމާ މަރުހަލާގައި އަންހެން ކުދިންނާ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ހަމަހަމަ ކަމާއިއެކު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާ، އަންހެން ކުދިންނާ އަންހެނުންނަށް ރައްކާތެރި މުޖުތަމައު އެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

އެ ހަރަކާތުގައި ބައިވެރިވި ކުދިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ހަރުދަނާކުރުމަށާ، ކޮންމެ ކުއްޖަކީ ވެސް ގާބިލުކަން ހުރި ކުއްޖެއްކަމާ މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށެވެ. އަދި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރުކާރުން ކުރަމުންދާނެ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާ އަންހެން ކުއްޖަކަށް ވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ އާންމު މަޖިލީހުން ފާސްކޮށް، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ. މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިޔާރަކީ "މައި ވޮއިސް: އަވާ އީކުއަލް ފިއުޗަ"އެވެ.