ފްރޮންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ހިދުމަތް ތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާ ހިދުމަތްތަކެއް ކަމަަށެވެ.

އެ ހިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކަށްވެސް އިޖާބަދީ ހިދުމަތް ފޯރުކޮށް ދެމުން ދާ ކަމަށާއި އެ މަސައްކަތްތަކުގައި ސިއްހީ ހިދުމަތް ތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތް ކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އަމަލު ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތައް އޯގާތެރި ކަމާއެކު ކަމަށެވެ.

އެގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް އާންމު ރައްޔިތުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދެއްވުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭން ސިއްހީ ހިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ބުނެފައި ވާއިރު، ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި އާރްއާރްޓީގެ މުވަޒަފަކަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.

އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުން އަންނަނީ، އަނިޔާ ލިބުނު ފަރާތުން އެކަން ފުލުހުންނަށް ހުށަހަޅާފައިވުމުން އެ މައްސަލަ އިންސާފުވެރިކަމާއެކު ބަލައި، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.

އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ސޯޝަލް މީޑިއާ، އާއި ހަބަރު ތަކުގައި ފެތުރުނު ނަމަވެސް، މާފަންނު މަދަރުސާތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް ވަނީ ދޮގު ކުރައްވައިފައެވެ.