"ރާއްޖޭގެ ބެޑް ކެޕޭސިޓީ ހުރީ ކިހާވަރަކަށް؟، ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ކުރަނީ ކޮންކަމެއް؟" މިއީ މާޗް މަހުން ފެށިގެން ކޮންމެ ދުވަހަކު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މެދުނުކެނޑި ޕެނަލިސްޓުންނަށް އަމާޒުވަމުންދާ ސުވާލެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ލައިގަތީއްސުރެ މުޅި ސިއްހީ ނިޒާމު އެކަމަކަށް ހުސްވެ، ދެކެވެމުން ދިޔައީ ކޮވިޑް ބަލި މީހުންނަށް ކޭޓާ ކުރާނެހާ އެނދު ރާއްޖޭގައި ހުރިތޯއެވެ. ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން އައި ނަފްސާނީ ބަލިމަޑުކަމަށް ވިސްނާލާނެ ވަގުތު ލިބުނުއިރު، ނަފްސާނީ ބަލިތައް މިވަނީ 3 ގުނަ އިތުރުވެގެން ގޮސްފައެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރާނެ ޑޮކްޓަރުންނާއި ނަރުހުން، އަދި ސޯޝަލް ސާވިސް ވޯކަރުންގެ އަދަދު އިންތިހާ މަދުކަން ހާމަވެގެން ދިއައީ ވަގުތު ފާއިތުވެ، ނިޒާމަށް ނުކަތާ ވަރުވީމައެވެ. ނަފްސާނީ ބަލިތަކަކީ ހަމައެކަނި ޑިޕްރެޝަނާއި އެންޒައިޓީއެއް ނޫނެވެ. އެހެން ބަލިތަކެކޭވެސް އެއްފަދައިން ނަފްސާނީ ބަލިތަކަކީ ވެސް ސިއްހީ ސަމާލުކަން ބޭނުންވާ ބަލިތަކެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ފަހަރު އާދެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމުގެ ސަފްހާއެއް ކިޔާލުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން، ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗް މެންޓަލް ހެލްތް ސެންޓަރުގެ ހިދުމަތްތެރިއަކު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ، ބަލި މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރުވެފައި ނެތް ކަމެވެ. އެހެން ބަލިތަކަށް ބޭސްކުރާ ޑޮކްޓަރުން ފަދައިން ތަފާތު އެކި ވައްތަރުގެ ގިނަ މެޝިންތަކެއް ބޭނުން ނުވި ކަމުގައިވީ ނަމަވެސް މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ހިދުމަތްތައް އިންތިހާއަށް މަދުކަމެވެ.

ހިދުމަތްތައް މަދު، ނިޒާމު ފިތި ބާރުވެފައި!

ސައިކޭޓްރިކް ފަރުވާއަށް ބައެއް ފަހަރު އެޑްމިޓްކޮށްގެން، ބޭސް ދީގެން ފަރުވާ ދޭން ޖެހުނު ނަމަވެސް ރަށްރަށުގައި އެ އިންތިޒާމެއް ހަމަޖެހިފައި ނުވުމުގެ ސަބަބުން ގިނަ ފަހަރު ހާލުބޮޑުވާ މީހާ ގެންނަން ޖެހެނީ މާލެއެވެ. ނަފްސާނީ ބަލި މީހަކު ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާއިރު، މާލޭގައި ވެސް މިފަދަ ބަލި މީހުންނަށް ލިބެން ހުރީ ވަރަށް މަދު ހިދުމަތްތަކެކެވެ. މިވަގުތު ބަލިމީހާ އެޑްމިޓްކޮށްގެން ނަފްސާނީ ފަރުވާ ދޭ ހޮސްޕިޓަލަކަށް ހުރީ އައިޖީއެމްއެޗް އެކަނި ކަމަށްވާ އިރު އައިޖީއެމްއެޗްގައި ހުންނަނީ ޖުމްލަ 5 އެނދެވެ.

މުޅި ރާއްޖޭގައި އުޅެމުންދާ 5 ލައްކަ މީހުންގެ ކިތަންމެ ގިނަ ބަޔަކަށް އެޑްމިޑްކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދޭން ޖެހުނަސް ބޭނުން ކުރަން އޮތީ ހަމަ މި 5 އެނދެވެ.

އައިޖީއެމްއެޗުގައި ގާއިމްކޮށްފައިވާ ސެންޓާ ފޯ މެންޓަލް ހެލްތް ސެންޓާ / ފޮޓޯ: ފާތިމަތު އަޖުފާން | ދަ ޕްރެސް

ހަމައެއާއެކު، އައިޖީއެމްއެޗްގައި ސައިކޭޓްރިސްޓް ރީހެބިލިޓޭޝަން ދެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. ވަގުތީ ރީހެބިލިޓޭޝަން ދެވޭނެ އިންތިޒާމު ހަމަޖެހި، އެ ހިދުމަތް ފޯރުކޮށްދޭން ލިބުމަކީ އެތަނުގައި ހިދުމަތްދޭން ތިބި ފަރާތްތަކުގެ އުއްމީދެކެވެ.

މިއަހަރު ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު، މެންޓަލް ހެލްތް ފެޑެރޭޝަނާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން ޝިއާރަކަށް ކަނޑައަޅާފައި އޮތީ "މެންޓަލް ހެލްތް ފޯ އޯލް، ގްރޭޓާ އިންވެސްޓްމެންޓް - ގްރޭޓާ އެކްސެސް" އެވެ.

ޝިއާރަށް ބަލާލި ކަމުގައިވީ ނަމަވެސް ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް މިއީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ގިނަ ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން މި ހިދުމަތް ލިބޭގޮތް ފަހިވެފައި ނެތް އިރު، ލިބޭ ހިދުމަތުގެ އަޑު ވެސް އެހާ ބޮޑެވެ. މި ހިދުމަތް ފޯރުކޮށްދޭ އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް އެތައް ސަތޭކަ ބަޔަކު ކިއުގައި ޖެހިގެން އުޅޭއިރު، މި ބަލިމަޑުކަމުގެ ތެރޭގައި އެ ހޮސްޕިޓަލުން އެކުލަވާލި ވައިބާ ނަންބަރަށް ކުރާ މެސެޖުތަކަށް ރިޕްލައި ކުރުމުގައި ވެސް ބޮޑު ބެކްލޮގެއް ވަނީ އުފެދިފައެވެ.

ބަލިމީހުންގެ އަދަދު ގިނަވެ، ފަރުވާ ދެވެން ފެށީ ހަމައެކަނި ހާލު ގޯސް މީހުންނަށެވެ. ހަމައެކަނި މޮޑަރޭޓް ޓު ސިވިއާ ސްޓޭޖުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިން އަހައްމިއްޔަތު ކަމުގެ ސަބަބުން މައިލްޑްކޮށް ނުވަތަ ކުޑަކޮށް ބަލި މީހުންނަށް ފަރުވާ ނުދެވޭ ވަރަށް ނިޒާމު ވަނީ ތޮއްޖެހިފައެވެ.

އެންމެ ގިނައީ ހާސްވުމާއި ކަންބޮޑުވުން އަދި ނިދަން އުނދަގޫވުން

ނިދަން އުނދަގޫ ވެފައި ހުރި މީހެއް

މެންޓަލް ހެލްތް ސެންޓަރުން ބުނީ އެންމެ ގިނައިން މި ބަލިމަޑުކަމުގެ ތެރޭގައި ފެނުނީ ހާސްވުމާއި ކަންބޮޑުވުން އަދި ނިދަން އުނދަގޫވުމުގެ މައްސަލަތައް ހުރި ބަލި މީހުން ކަމަށެވެ. އެއީ އޭރު މި ބައްޔާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގި، ދުވަހަކުވެސް ދިމާނުވާ އާ ކަމެއް ދިމާވެ، ކުއްލިއަކަށް ހަރަކާތްތަކާ އެއްޗެހި ވަކި މިންވަރެއްގައި ހިފަހައްޓައިގެން އުޅެން ޖެހުނީމަ އެ ބަދަލަށް ހޭނުމަށް ގިނަ ބަޔަކަށް އުނދަގޫ ވެގެން ދިއުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން މެންޓަލް ހެލްތް ސެންޓަރަށް ދެއްކި މީހުންގެ އަދަދު މިވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 3 ގުނައަށް އިތުރުވެފަައެވެ. އަދި ކުރިން ފަރުވާ ހޯދަމުން ދިޔަ ބަލި މީހުންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް އެސެންޓަރުން ބުންޏެވެ. އަދި ކުރިން ވެސް ނަފްސާނީ ބަލިތައް ހުރި މީހުންނަށް ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށާއި، އެމީހުންނަށް ބޭނުންވާ ބޭސްތައް ހޯދާ، ފޯރުކޮށްދިނުމަށް ލޮކްޑައުން ތެރޭގައި އެސްޓީއޯއާ ގުޅިގެން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މެންޓަލް ހެލްތް ސެންޓަރުން ބުންޏެވެ. އަދި މި ބަލިމަޑުކަމުގެ އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ ނޫޅެވުމުގެ ސަބަބުން އެމީހުން ހާލު އިތުރަށް ގޯސްވެގެން ދިޔަ ކަމަށް ވެސް އެސެންޓަރުން ބުންޏެވެ.

ކުރެވިދާން ބައެއް ކަންތައްތައް:

  • ހާސްވާ ހާލަތްތައް ދެނެގަތުން
  • ހަމަޖެހިލައިގެން ހުރެވޭތޯ މަސައްކަތް ކުރުން
  • ނޭވާއަށް އަށް ސަމާލުކަން ބަހައްޓައިގެން ނޭވާލުން
  • އިހުސާސްތައް އިތުބާރު ކުރެވޭ މީހަކާ ހިއްސާކުރުން
  • ފިޒިކަލީ އެކްޓިވް ކޮންމެވެސް ކަމެއް ކުރުން (ދާހިއްލަންދެން ހިނގާލުން، ކުޑަކޮށް ދުވެލުން)
  • ގަޑިން ގަޑިއަށް ކެއުން
  • ތާވަލުކޮށްގެން ދުވަހުގެ ކަންކަން ކުރިއަށް ގެންދިއުން

ނަފްސާނީ ސިއްހަތުގެ ނިޒާމު އެހީއަށް އެދި ރޮނީ!

މިއަހަރުގެ ޝިއާރަށް ބަލާލި ކަމުގައިވީ ނަމަވެސް، އެ އަންގައިދެނީ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރަންޖެހޭ ހޭދަ ބޮޑުކަމެވެ. ގިނަ ބަޔަކަށް ނަފްސާނީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެވެނީ އެކަމަށް ކުރާ ހޭދަ އިތުރުކޮށްގެންނެވެ. ނަފްސާނީ ސިއްހަތަށް އިތުރަށް ސަމާލުކަންދީ، ބޭނުންވާ ހިދުމަތްތައް ލިބޭނެ މަގުފަހި ކޮށްދީ، އެކަމަށް ބޭނުންވާ ގާނޫނުތައް ހަދަން އެބަޖެހެއެވެ. ސަރުކާރުގެ ޕޮލިސީ ލެވެލްގަ ވެސް ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ ހޭދަ އިތުރު ކުރުމަކީ މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

މެންޓަލް ހެލްތް ސެންޓަރުން ބުނީ ނަފްސާނީ ސިއްހަތަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވެސް ހޭދަ ކުރެވިދާނެ ކަމަށެވެ. ތަންކޮޅެއް ބޮޑަށް އަޅާލާ، ތަންކޮޅެއް ބޮޑަށް ކުލުނާއެކީގަ މީހުންނާ މުހާތަބު ކުރުން ފަދަ ކަންކަމަކީ މުހިންމު ކަންކަން ކަމަށް އެސެންޓަރުން ފާހަގަކުރިއެވެ. އެސަންޓަރުން ބުނީ އަމިއްލަ ނަފްސާ އެހެން މީހުންނަށް އޯގާތެރިވެ، ފުރަތަމަ އަމިއްލަ ނަފްސަށް އަޅާލާ، އަމިއްލަ ނަފުސަށް ވަގުތުދީ، ނަފްސު ހަމަޖެހުމަށް ކަންކަން ކުރުމުގެ އިތުރުން، ކައިރީގަ ތިބޭ މީހުންނާ ހިތްހެޔޮކަމާއެކު ވާހަކަ ދައްކާލާ، ކަންކަން ބަލާލަ، ތަންކޮޅެއް ބޮޑަށް ހިތްހެޔޮ ހިޔާލު ގެންގުޅުމަކީ ވެސް ކުރެވިދާނެ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އެސެންޓަރުން ބުނީ، ލޮކްޑައުން ނިމުނުފަހުން ޔުނިސެފުން ފޯރުކޮށްދިން އެހީތެރިކަމާއެކު މިހާރު ވަނީ އިތުރު ތެރަޕިސްޓެއް އައިޖީއެމްއެޗްގެ ޓީމަށް ގެނެސްފައި ކަމަށެވެ. އަދި އިތުރު ތެރަޕިސްޓެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެއީ ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާ ހަމައެއާއެކު ކުރިއަށްއޮތްތަނުގައި ނަފްސާނީ ބަލިތައް އިތުރުވެގެން ދާނެ ކަމަށް ލަފާކުރާ ކަމަށް ވެސް މެންޓަލް ހެލްތް ސެންޓަރުން ބުނިއެވެ.