މަންދު ކޮލެޖަށް އެޑިއުކޭޝަން މިނިސްޓްރީއިން ޖޫރިމަނާގެ ދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މަންދު ކޮލެޖުގެ މިލްކިއްޔާތުގައިވާ ފަރުނީޗަރު އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އިހުމާލުވި ކަމަށް ބުނާ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ފަރުނީޗަރުތައް މަންދުކޮލެޖަށް އަނބުރާ ލިބިފައި ނުވާކަން ޝަރީއަތަށް ސާބިތު ކޮށްދީފައި ނުވާ ކަމަށެވެ.

އެޑިއުކޭޝަނާއި މަންދުގެ ކޮލެޖުގެ ފަރުނީޗަރުތައް ހަވާލު ކޮށްފައިވަނީ 2010 ވަނަ އަހަރެވެ. އަރަބިއްޔާ މިހާރު ހިންގާ އިމާރާތް ހެދުމަށްޓަކައި، އެ މަދަރުސާގައި ކިޔަވަމުންދިޔަ ދަރިވަރުން ވަގުތީގޮތުން ބަދަލު ކުރީ އޭރު މަންދު ކޮލެޖު ހިންގުމަށް ދީފައި ހުރި ކުރީގެ އެމްއީއެސް ހިންގި އިމާރާތަށެވެ.

އަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދު ކޮލެޖު ހިންގި އިމާރާތަށް ބަދަލު ކުރަންޖެހުމުން އޭރު މަންދު ކޮލެޖުގައި ހުރި ކްލާސްރޫމްތަކުގައި ބޭނުން ކުރަމުން ދިޔަ ފަރުނީޗަރުތައް ރައްކާކުރަން ބަހައްޓާނެ ތަނެއް ނެތުމުން އެ މިނިސްޓްރީ އާއި މަންދު ކޮލެޖާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ފަރުނީޗަރުތައް ގެންގޮސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ގުދަނަކަށެވެ.

ނަމަވެސް އެ ފަރުނީޗަރުތަކަށް އިހުމާލުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާތީ ގެއްލުމުގެ ބަދަލުގައި 2016 ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމަޔަށް ޖޫރިމަނާއަށްވާ ފައިސާ ހޯދުމަށް މަންދު ކޮލެޖް ހިންގަމުން އައި މާލޭހައި ޕްރައިވެޓް ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން ތިން މިލިއަން ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ނަގައި ދިނުމަށާއި ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ހޯދުމަށްވެސް އެ މައްސަލައިގައި ހުށަހެޅިއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފައިވާ ވަނީ ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެހެންކަމުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖޫރިމަނާގެ ފައިސާ ނަގައި ދޭގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ތިން މިލިޔައަން ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ނަގައި ދިނުމަށެވެ.

އެހެން ނަމަވެސް، ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމަށް ތާއީދު ކޮށްފައެވެ.

އެހެންކަމުން އެ ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި 451،189.00 ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އެޑިއުކޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށާއި ނަމަވެސް ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ފައިސާތައް ނަގައިދެވެން ނެތް ކަމަށް އެ ހުކުމަގައި ވެއެވެ.