ދިވެހި ލޭ ހިނގާ ދަރިން ގައުމުގެ މިނިވަންކަން ދިފާއުކުރަން ތެދުވެ، އިންޑިޔާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ދިވެހި މިފަސްގަޑަކީ މިނިވަންކަމުގެ ވިންދު ޖަހަޖަހާ ހުންނަ ފަސްގަޑެއް ކަމަށާއި ތާރީހުގެ ސަފުހާތައް އުކާލުމުން، މި ގައުމަށް ގައްދާރުވި ދިވެހިންނާ، ގައުމަށްޓަކައި ޖިހާދު ކުރި ބަތަލުނާއި ތިލަ ވިސްނުމުގެ ސިޔާސީ ބޭފުޅުންނާ، ގައުމީ ވިސްނުމުގެ ސިޔާސީ ލީޑަރުން ފެންނާނެ ކަމަށެވެ.

އަދި އައްޔަކަސް އަނދިރިޔަކަސް ހެވޭ ބުނި މީހުނާ، ބޭރު ގައުމެއްގެ ސިފައިން ތިއްބަސް އެއީ މައްސަލައެއް ނެތް ކަމަށް ބުނާ މީހުން ވެސް ފެންނާނެ ކަމަށެވެ. ނަމަވެސް ދިވެހި ތާރީހު ހެކިދޭ އެއް ކަމަކީ ގައުމުގެ މިނިވަންކަން ދިފާއު ކުރަން ތެދުވާ އެތަށް ދިވެހި ދަރިންނެތް މިފަސްގަޑުގަައި ތިބި ކަން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ނަމަވެސް ދިވެހިތާރީހި ހެކިދޭ އެއްކަމަކީ ދިވެހި ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ ކޮންމެ ފަހަރަކު، ވެރިންގެ ތިލަ ވިސްނުންތަކާ، ބަދެވިފައިވާ ވެރިންގެ ބަދެވުން ތަކަށް ބެލުމެއްނެތި، ޤައުމުގެ މިނިވަންކަން ދިފާޢު ކުރަން ތެދުވާ އެތަށް ދިވެހި ދަރިންނެތް މިފަސްގަޑު އުފައްދާފައިވާ ކަމެވެ.
އުމަރު ނަސީރު

އެފަދަ ދަރިންތަކެއް އަނެއްކާވެސް ރާއްޖޭގެ ފަސްގަނޑުން އުފެދެމުން އަންނަ ކަމަށާއި އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ދިވެހި ފަސްގަނޑުގައި ޖަހަމުން ދަނީ މިނިވަން ކަމުގެ ވިންދު އެކަނި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ހެލިކޮޕްޓަރެއް، ޑޯނިޔާއެއް، ރާޑަރެއް ބެލުމެއްނެތި މިޤައުމުން އިންޑިޔާ ސިފައިން ނުބާލާނެ ހަމަ އެއްވެސް ގޮތެއް އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. މި ފަސްގަޑުން ޖަހަމުންދާ މިނިވަންކަމުގެ ވިންދަކަށް ބަދަލެއް ނާދެ.
އުމަރު ނަސީރު

އުމަރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ހަދިޔާ ދިނުމުގެ "ނަމުގައި" އައި އިންޑިއާ މީހުން 8 އަހަރު ވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލު ވެފައިވާ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު އެފެދައިން ވިދާޅުވެފައި ވާއިރު، ރާއްޖެއަށް އިންޑިއާއިން ގެނައި މަތިންދާ ބޯޓާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ. އިންޑިއާއިން މީގެ ކުރިން ރާއްޖެ އަށް ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ދަނީ ރާއްޖޭއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެ ވާހަކަތައް އެމްއެންޑީއެފާއި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.