ގައިދީން އަނބުރާ މުޖްތަމަޢުއަށް ނިކުންނައިރު އެމީހުންނަކީ މުޖްތަމައުން ބަލައިގަންނަ، މަސައްކަތަށް އަހުލުވެރި، އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ގައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަސަތުތައް ފަހިކޮށްދިނުމަށް ސްޓެލްކޯއާއެކު މިއަދު "ފަހި ފުރުސަތު" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

ސްޓެލްކޯއާ، ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަނބުރާ މުޖުތަމައުއަށް ނިކުންނަ ގައިދީންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ސަރުކާރުގެ އުއްމީދަކީވެސް އަދި މަސައްކަތް ކުރަނީ ވެސް ކޮންމެ ގައިދީއަކު ވެސް އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ހަޔާތުގައި ދިރިއުޅުމަށް ކޮންމެވެސް މަަސައްކަތެއް އިހުތިޔާރުކޮށްގެން ނިކުންނަ މީހަކަށް ހެދުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމެއްގެ އުފާފާގަތިކަމާ ސުލުހަވެރިކަން ބިނާވެގެންވަނީ އެމުޖަތަމައެއްގެ ދުޅަހެޔޮކަމާއި ބަދަހިކަން އަދި އިގްތިސާދީ ފުދުންތެރިކަމުގެ މައްޗަށް ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅިގެންދާ ފަރާތްތަކުގެ ސަބަބުން މުޅި މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރެއްކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގިނަފަހަރަށް އެފަރާތްތައް ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭކަމަށެވެ.

އެހެންކަމުން ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރޭއިރު އެމީހުންނަކީ މުޖުތަމައުއަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ އިސްނެގުމާއެކު ކަރެކްޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިއްމު މަސައްކަތްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ

އިމްރާން ވިދާޅުވީ މިއަދު ސްޓެލްކޯއާއެކު ސަރުކާރުން ފެށި މަސައްކަތަކީ ކުރިއަށް ރޭވިފައިހުރި ގިނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯއާއެކު މިއަދު ފެށި މަސައްކަތުގެ ދަށުން ގައިދީންގެ ގޮތުގައި ތިބޭ ފަރާތްތައް ސްޓެލްކޯއާއެކު ނިކުމެ މަސައްކަތްކޮށް، އެއްކޮށް މިނިވަން ވެގެންދާއިރު ބައެއް މަސައްކަތްތައް ދަސްކޮށް އަދި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމުއްދަތުގައިވެސް އޭނާއަށް ލިބިގެންދާ އާމްދަނީ ފަހަށް ރައްކާކޮށް އޭނާއާއި އޭނާގެ އާއިލާގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގިނަ ފަހަރަށް ދިމާވާކަމެއް ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަމުގެ މަގެއް ތަނަވަސްވެފައި ނެތުމުން ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިއުމަށް ފަގުފަހިކޮށްދިއުން. މިޕްރޮގްރާމް ރަނގަޅަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިކޮށާދެވޭ މަގަކީ ދިރިއުޅުން ބައްޓަން ކުރުމަށް ކޮއްދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް.އަދި ދަސްކުރެވޭ މަސައްކަތުގެ ސަބަބުން އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެ.
ޢިމްރާން ޢަބްދުﷲ

ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުންވެސް އެފުރުސަތުތައް އެގޮތަށް ފަހިކޮށްދީ ގައިދީން ރިހިބިލިޓޭޓްކޮށް މަސައްކަތަށް ނެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިލެއްވިއެވެ. އަދި އެމަސައްކަތް ފަށައިގަތުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި، މެނޭޖްމަންޓް އަދި މުވައްޒަފުންގެ އިސްނެގުން ފާހަގަކުރެއްވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިއަދު ފެށި އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބި ގައިދީން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ އަދި މުޖުތަމައުއަށް ބޭނުންކުރެވޭ ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ސަބަބުން މިހާރު ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ވަށާޖެއްސޭ ނިޒާމެއްގެ ތެރެއަށް ގެނެވި، ދަސްކޮށްދެވޭ ހުނަރުތަކަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ ހުނަރުތަކަކަށް ވާނެކަމަށް އުއްމިދުކުރަން
ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އެއިސްނެގުމަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކުރާ ވަރަށް މުހިއްމު ޒިންމާއެއްކަމަށެވެ.