ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މިއަދު ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، އެ ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތެއް ފުރިިހަމަ ނުކޮށް ކަމަށެވެ. އެގޮތުން އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި، އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުން ކަމަށެވެ.
އެހެންކަމުން އެ މައްސަލާގައި ސުޕްރީމް ކޯޓުން އަމުރުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ 8 އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅި އިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހުސްނުއް ސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހެވެ. އެ އަމުރުގައި ބުނެފައި ވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އެއިން ރައީސް ޔާމީން މާލީ މަންފާއެއް ހޯއްދެވުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމަރު ބާތިލުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އޭރު އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
ރައީސް ޔާމީންގެ މައްސަލަތަކެއް މިހާރުވެސް ކޯޓުގައި އެބައޮތެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.