ފިޔަވަތިން ކޮވިޑ-19އަށް ޕޮޒިޓިވްވި ކުދިންގެ ހާލު ރަނގަޅު ކަމަށާއި ޕޮޒިޓިވް ނުވާ ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ކަމަށް ޖެންޑާ މިނިސްޓަރީން ބުނެފިއެވެ.
ޖެންޑާއިން ބުނީ ފިޔަވަތީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފަކު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ވަނީ ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް ޖެންޑާއިން މައުލޫމާތު ދެއެވެ.
އެ ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ޕޮޒިޓިވް ވެފައި ވާއިރު، އެ ކުދިންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ކެއާވޯކާ އާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު މޮނިޓާ ކުރެވި އެދެވޭ ފަރުވާ ދެމުން ދާކަމާއި ހާލު ރަނގަޅު ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.
ހަމަ މިއާ އެކު ޕޮޒިޓިވްވި އެހެނިހެން ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީ އަކަށް ބަދަލުކުރެވިފައި ކަމަށާއި އެ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ދެއެވެ.
ފިޔަވައްޗަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައި ވުމުން، އެޗްޕީއޭ އަދި އެޗްއޯއީސީ އިން ވަނީ ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ސާވިސްއަށް އިރުޝާދު ދީފައެވެ.
އެ އިރުޝާދުގެ ދަށުން އެ ސާވިސްއިން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކާއި މޮނިޓާ ކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށް ފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއާވޯކަރުންނާ އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައި ކަމަށެވެ.
އެތަނަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެ ކުދިންގެ ތައުލީމީ ކަންކަން ވެސް އެ ތަނުގައި ކަށަވަރު ކުރެވޭނެ ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.
އަދި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މައުލޫމާތު ދެމުން ގެންދާނެ ކަމަށްވެސް ޖެންޑާއިން ބުނެއެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތި ސެންޓަރުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި މިހާތަނަށް 13 ކޭސްއެއް ފެނިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ ރެއެވެ.