ކޮވިޑް-19 ހަށިގަނޑުގައި ހުރިކަން 15 މިނެޓުން ދެނެގަނެވޭ "އެންޓިޖެން ޓެސްޓު" ހެދޭނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކަމަށް ކަނޑައަޅާ، ޓެސްޓު ހެދުމުގައި އަމަލުކުރާނެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފިއެވެ.

އެޗްޕީއޭން ބުނީ އެންޓިޖެން ޓެސްޓް ކުރަންވާނީ ކޮވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން، ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށެވެ.

އެފަދަ ހާލަތުގައި ޓެސްޓްކޮށް ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ، އެއީ ރަނގަޅު ނަތީޖާ ކަމުގައި ބަލައި، ކޮވިޑަށް ފަރުވާ ކުރުމާއި ޕޮޒިޓިވް ވުމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެ ކަމަށާއި ނަމަވެސް ޓެސްޓް ކުރެވުނީ ބަލީގެ އަލާމާތްތައް ފެށުނުތާ 5 ދުވަސް ފަހުންނަމަ ނަތީޖާ ނެގެޓިވް ވި ކަމުގައި ވާނަމަ ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭން ބުނީ ޓެސްޓް ކުރެވޭނީ ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި ތަމްރީނު ވެފައިވާ ސިއްހީ ހިދުމަތްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ޓެސްޓުގެ ސެންސިޓިވިޓީ 90 އިންސައްތައަށް ވުރެ މަތިވުން އަދި ސްޕެސިފިޓީ 97 އިންސައްތައަށް ވުރެ މަތިވާން ޖެހޭނެ ކަމަށެވެ.

ކޮވިޑް ފެތުރެމުންދާ ރަށެއް ނުވަތަ ތަނެއްގައި އެ ޓެސްޓް ބޭނުން ކުރަން ވާނީ އެތަނެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަށް އަންނަ ކޯވިޑްގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓް ކުރުމަށް ކަމަށާއި އެގޮތުން ފްލޫ ކްލިނިކާއި ހޮސްޕިޓަލުތައް ނުވަތަ ސިއްހީ މަރުކަޒަށް ދައްކާ މީހުން ހިމެނޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ. އަދި އެ ޓެސްޓް ހެދުމަށް އެޗްޕީއޭން ހުއްދަ ލިބިފައިވާ ތަނެއް ކަމުގައި ވާނަމަ އެ ޓެސްޓް ބޭނުން ކޮށްގެން ޓެސްޓް ހެދުމަށް އިތުރު ހުއްދައެއް ބޭނުން ނުވާނެ ކަމަށްވެސް އެޗްޕީއޭގެ އުސޫލުގައި ބުނެއެވެ.

ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައި ވާނަމަ އަދި މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ޙާލަތުގައި މުހިއްމު ބައެއް ފަރާތްތަކުގެ މެދުގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި މި ޓެސްޓް ބޭނުން ކުރެވޭނެއެވެ. އަދި މިފަދަ ހާލަތްތަކުގައި އެންޓިޖެން ޓެސްޓް ބޭނުން ކޮށްގެން ޓެސްޓްކުރުމުގެ ކަންތައްތައް ހަމަޖައްސާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

އެންޓިޖެން ޓެސްޓު ކޮށްގެން ނުވާނެ ހާލަތްތަކެއްގެ ގޮތުގައި އެޗްޕީއޭން ގާފަހަ ކޮށްފައި ވަނީ ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށާއި، ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ހާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގަ، އާއި ޓެސްޓް ކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓޯލު ފިޔަވަޅުތައް ނެތްނަމަވެސް އެ ޓެސްޓް ކޮށްގެން ނުވާނެކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މީހުން އެތެރެވާ ބަދަރުތަކުގައި ބޯޑާ ސްކްރީނިންގެ ބޭނުމުގަ އާއި ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައިވެސް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައި ވެއެވެ.

އެޗްޕީއޭން ޓެސްޓް ކުރުމުގެ އުސޫލު އާންމުކޮށްފައި ވާއިރު، އެންމެ ފުރަތަމަ އެ ކިޓްތައް ރާއްޖެއަށް ގެނެސްފައި ވަނީ މެޑިކަލް ސާމާނު ސަޕްލައިކުރާ މެޑްޓެކް ކުންފުނިންނެވެ. އެ ކިޓްތައް ރާއްޖެއަށް ގެނައުމަށް ހުއްދައަށް އެދިފައި ވަނީ މިދިޔަ މަހު ކުރީކޮޅެވެ. މެޑްޓެކުން ރާއްޖެއަށް ތައާރަފްކޮށްފައިވާ އެންޓިޖެން ޓެސްޓް ކިޓްތަކަކީ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ކިޓްތަކެކެވެ.

ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 އިންސައްތަ ހުންނައިރު، އިންފެކްޝަން ދެނެގަތުމުގެ އިންސައްތައަކީ 98.5 އިންސައްތަ ކަމަށް ކްލިނިކަލް ސްޓަޑީތަކުން ދައްކައެވެ.

އެ ޓެސޓް ކިޓް ތަކަކީ ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެބޮޓް ލެބޯޓްރީގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް ކިޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ޓެސްޓު ހަދާ ކިޓެކެވެ. އެ ކިޓްތަކުގެ ހާއްސަ އަނެއް ކަމަކީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ހަދައިފައިވާ ކަމެވެ.