ކޮވިޑް-19 އާ ގުޅިގެން ޑޯނަރުންގެ ފަރާތުން 520 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ދަށްވެ، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް އަންދާޒާކުރި އާމްދަނީއަށްވުރެ ބޮޑުތަނުން ދަށްވާނެކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއާއެކު 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓު ޑެސިޓް ބޮޑުވާނެކަމަށް މިހާރު ލަފާކުރެވޭތީ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި، އެހެން ގައުމުތަކުންނާއި ސަރުކާރުތަކުން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން 11 ޑޯނަރުންގެ ފަރާތުން އެހީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ބުނެއެވެ.

މިހާތަނަށް އެންމެ ބޮޑު ލޯނުގެ އެހީއެއް ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިންނެވެ. އެގޮތުންް އެސްބީއައި އިން ވަނީ 250 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ. އިންޑިޔާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންވެސްޓް ކޮށްފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ޑޮމެސްޓިކް ޓްރެޒަރީ ބޮންޑު ފޯރުކޮށްދީފައި ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) 52.3 މިލިއަން ޑޯލަރުގެ އެހީ ދީފައި ވާއިރު ޖާޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ވަނީ 47.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީ ދީފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 28.9 މިލިއަން ޑޯލަރު އިންޓަރެސްޓް ފްރީ ލޯނުގެ ގޮތުގައި ދީފައި ވާއިރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ވަނީ 22.6 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދީފައެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ލޯނުގެ ގޮތުގައި ވަނީ 35.65 މިލިއަން ޑޮލަރު ދީފައެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 20.0 މިލިއަން ޑޮލަރުގެ އެހީ ދީފައި ވާއިރު އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވެސް ވަނީ 20.0 މިލިއަން ޑޮލަރުގެ ލޯނުގެ އެހީ ދީފައެވެ. ވާލްޑް ބޭންކުން 31.05 ލޯނުގެ އެހީ މިލިއަން ޑޮލަރު ދީފައި ވާއިރު އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) 4.5 މިލިއަން ޑޮލަރު އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 7.3 ލޯނުގެ އެހީ ވަނީ ދީފައެވެ.

ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 2.2 ބިލިއަން ރުފިޔާ (2،297.8 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ. އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.