ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ 5 މިލިއަން ޑޮލަރު ދެއްކެވިކަން ސާފުވެވަޑައި ނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ރާއީ އެއްސެވީ، ރައީސް ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ މިހާރު ދައްކަވާފައި ވޭތޯއެވެ.
ޖަވާބުގައި އަމީރު ވިދާޅުވީ، އެ ފައިސާ ދައްކަފައިވާ ކަމުގެ މައުލޫމާތެއް ލިބވަޑައިގެންފައި ނުވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ކުރިއަށް އެބަދެއެވެ. އެގޮތުން އިސްތިއުނާފީ ޝަރީއަތެއްގައި އެމަނިކުފާނު ވަނީ ޖަލުގައި ހުންނަވައިގެން ޖޫރިމަނާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޖޫރިމަނާގެ ފައިސާ ހޯދުމަށް އޭޖީ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ވެސް ނިންމާފައެވެ.