އެމަނިކުފާނާއި ދިވެހި ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި، އެމަނިކުފާނަކީ ދިވެހި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ވިދާޅުވުމަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ދެއްކި ވާހަކަފުޅެއް ތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި، އެމަނިކުފާނާއި ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނާއި ސަރުކާރާ ގުޅުން ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކަށް ވެފައި، މިވަގުތު އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަމަށް ވާތީ، މިހާރު އޮތް ސަރުކާރަކީ އެމަނިކުފާނުގެ އެކުވެރި، މަދަދުދޭ ސަރުކާރެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާއިރު، އެމަނިކުފާނު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރާ ބައެއް ކަންތައްތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، އެމަނިކުފާނު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކި ކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުންނެވެ.