އަވަށްޓެރި ސްރީލަންކާގެ މިނުވަންގޮޑާގައި ފޭރާން އުފައްދާ ކާރުހާނާއަކާ ގުޅިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކްލަސްޓާއަށް އަނެއްކާވެސް 124 ކޭހެއް އިތުރުވެ، ސްރީލަންކާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4252 އަށް އަރައިފިއެވެ.

މިނުވަންގޮޑާ ބްރޭންޑިކްސް ގާމެންޓް ފެކްޓްރީގެ ކްލާސްޓާގައި މިހާރު 832 ކޭހެއް ރެކޯޑް ކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާގެ އެޕިޑޮމޮލޮޖީ ޔުނިޓުން އާންމު ކޮށްފައި ވާ ރިޕޯޓަށް ބަލާއިރު، އަންގާރަ ދުވަހުގެ ރޭ، ލަންކާ ގަޑިން 09:40ގެ ނިޔަލަށް، ކޮވިޑް-19ގެ 739 އާ ކޭސް ވަނީ ފެނިފައެވެ. އަދި މިވަގުތު 973 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، 56 މީޙަކު އިތުރު ތަހުގީގުތަކަށް ހޮސްޕިޓަލުގައި ބާއްވާފައިވާކަމަށް ލަންކާ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު ސްރީލަންކާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުނު ކަމަށް ރިޕޯޓް ކުރި ފަހުން އަދާ ހަމައަށް އައިއިރު މި ބަލީގައި އެ ގައުމުން 13 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި، ފުރަތަމަ ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ޗައިނާގެ ފަތުރުވެރިޔާ ވެސް ހިމެނެއެވެ.

ސްރީލަންކާގެ ހެލްތް ޕްރޮމޯޝަން ބިއުރޯ ރިޕޯޓު ދައްކާ ގޮތުން، ފެބުރުވަރީ 18 އިން އޮކްޓޯބަރު 5 ވަނަ ދުވަހުގެ ނިޔަލަށް، ޖުމުލަ 298501 ޕީސީއާރް ޓެސްޓު ވަނީ ހަދާފައެވެ. ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، އެ ގައުމުގައި ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ޕީސީއާރް ޓެސްޓު ކުރާ މިންވަރު އަދިވެސް އިތުރު ކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސްރީލަންކާއަކީ، ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ގައުމެވެ. އދގެ އިދާރާތަކުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.