ކަޅުތުއްކަލާކޮށި "ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިން ރޭންޖު" ގައި މިއަދު ބޭއްވި ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވައިފިއެވެ.

އެ ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެފަރިތަކުންތަކަކީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުގެ ތެރެއިން ކުރިއަށްދާ ތަމްރީނުތަކެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން އިއްޔެވެސް ވަނީ ކަޅުތުއްކަލާކޮށީގައި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރަން ކުރިއަށް ގެންދާ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް މާލޭގައި ސިފައިން ހަތިޔާރާއެކު އެފަދަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.