ހއ ކެލާއިން އަނެއްކާވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޢުފްރާން ވިދާޅުވީ މިއަދު އެ ރަށުން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް ޕޮޒިޓިވް ވެފައި ވަނީ ބިދޭސީއެއް ކަމަށެވެ.

އެ ބިދޭސީ މީހާއަކީ އަމިއްލަ މީހަކު، މަސައްކަތް ކުރަން ގެނައި ގްރޫޕެއްގައި ހިމެނޭ މީހެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގެ 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެ ރަށުން މީހަކު ޕޮޒިޓިވް ވެފައިވާއިރު، ހޯމް ކަރަންޓީންގައި ހުރި 6 ފަރާތެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. ނަމަވެސް އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެންމެ މީހެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ކެލާއިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.

މީގެ އިތުރުން ކެލައަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައިވެސް ވެއެވެ. އޭނާ މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އެމަރަކީ ކޮވިޑް މަރެއްކަމަށް އެޗްޕީއޭ ވަނީ ނިންމީ މަރުވި ފަހުންނެވެ.