ހަކަތައިގެ ވަސީލަތްތަކާއި ކަނޑުގެ ބޯޑަރުގެ މައްސަލާގައި ގްރީސްއާއި ތުރުކީވިލާތާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި، ތުރުކިވިލާތުން ކުރިމަތިކުރަމުންދާ ޕްރެޝަރުތަކާ، ކުރަމުންދާ "ޖެއްސުން"ތަކުގެ މައްސަލާގައި، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ވިލާތުގެ އިއްތިހާދު (އީޔޫ) އިން ދީފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާސެލާ ވޮން ޑާ ލިޔެން ވަނީ، އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ތުރުކިވިލާތުން ކުރިއަށް ގެންދާ، އެއް ފަރާތަކަށް ބަރުވާ ހަރަކާތްތައް ހުއްޓާލުމަށްވެސް ތުރުކިވިލާތުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

އާސެލާ މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި ވަނީ، ވިލާތުގެ އިއްތިހާދުގެ ލީޑަރުންނާއެކު މިއަދު ހެނދުނު ބްރަސަލްސްގައި ކުރިއަށް ގެންދެވި މަޝްވަރާތަކެއްގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވޮން ޑާ ލިޔެން ވިދާޅުވީ، އީޔޫއިން ބޭނުންވަނީ ތުރުކީވިލާތާއެކު ބިނާކުރަނިވި، އެދެވޭ ގުޅުމެއް ބޭއްވުމަށްކަމަށާ، މިއީ އެކަމުގައި އަންކާރާގެ މަސްލަހަތުވެސް އެކުލެނިވި ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވާން އޮތީ ތުރުކީވިލާތުން ކުރާ ޖެއްސުމާ، ކުރިމަތިކުރާ ޕްރެޝަރު ހުއްޓުމަކަށް ގެނެސް ގެން ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ތުރުކީވިލާތާއި ގްރީސްއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވާ އިރު، ކުރިމަތިލުމެއްގެ ނުރައްކަލުން ސަލާމަތް ވުމަށް، ދެގައުމުންވެސް ވަނީ އަސްކަރީ ހޮޓްލައިނެއް ގާއިމުކޮށްފައެވެ.

ތުރުކިވިލާތާއި ގްރީސްއާ ދެމެދު ނުތަނަވަސްކަން އުފެދުނީ، ކަނޑުގެ ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ ސަރަހައްދަކަށް، ތުރުކީވިލާތުން ބޯޓެއް ފޮނުވި ހިސާބުންނެވެ. މިއަހަރުގެ ކުރީކޮޅު ތުރުކީވިލާތުން ފޮނުވި ބޯޓަކީ އެ ސަރަހައްދުގައި ގުދުރަތީ ގޭހާއި ތެލުގެ މުއްސަނދިކަން ލިބިފައި ވޭ ތޯ ބެލުމަށް ފޮނުވި ދިރާސާ ބޯޓެކެވެ.

ތުރުކީވިލާތުގެ ހަރަކާތްތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އެކަން ކުރުމަށް އީޔޫގެ މެމްބަރު ގައުމުތަކުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ތުރުކީވިލާތާއި އީޔޫއާ ދެމެދު އޮންނަނީ ހައްސާސީ ގުޅުމެކެވެ. ދުނިޔޭގެ 2 ބައްރު ހިއްސާވާ ގޮތަށް އޮތް ތުރުކީވިލާތުން، ވިލާތުގެ އިއްތިހާދުގެ މެމްބަރު ކަމަށް އެދޭތާ ދިގު މުއްދަތެއް ވެއްޖެއެވެ. ނަމަވެސް ކެންޑިޑަސީ ކާމިޔާބު ވާ ގޮތެއް ނުވެއެވެ. އިންސާނީ ހައްގުތަކާ، ގާނޫނުން ވެރިކަން ހިންގުމުގެ ނިޒާމާ ގުޅިގެން ވިލާތުގެ އިއްތިހާދުގެ ލީޑަރުންގެ ފާޑުކިއުންތައް ތުރުކީވިލާތަށް އަމާޒުވެއެވެ. ވަކިން ހާއްސަކޮށް، 2016 ވަނަ އަހަރު ތުރުކީވިލާތުގައި ހިންގި ނާކާމިޔާބު އަސްކަރީ ބަގާވާތަށް ފަހުގައެވެ.

މިހުރިހާ ކަމަކާއެކުވެސް ތުރުކީވިލާތަކީ އީޔޫއަށް މުހިންމު ބައިވެރިއެކެވެ. ތުރުކީވިލާތަކީ ވިލާތަށް މިއަދު ބޮޑުވެފައިވާ ހިޖުރަވެރިންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ގައުމެކެވެ. އީޔުއާއި ތުރުކީވިލާތާ ދެމެދު މި ރޮނގުން އެކުލަވާލި އެއްބަސްވުމާއެކު، ގްރީސްއަށް އެތެރެވާ ރެފިއުޖީ ހިޖުރަވެރިންގެ އަދަދުވެސް ވަނީ އިންތިހާއަށް ދަށް ކުރެވިފައެވެ.

ގްރީސްއާއި ތުރުކީވިލާތަކީވެސް ނޭޓޯގެ މެމްބަރު ގައުމުތަކެވެ. ނަމަވެސް ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމުގައި މި ދެގައުމު ކޯޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. މި މައްސަލަ އިތުރަށް ހޫނުވީ، މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ސަރަހައްދަށް އޯގަސްޓް މަހުގެ ތެރޭގައި ތުރުކީވިލާތުން ދިރާސާ މަނަވަރެއް ފޮނުވުމުންނެވެ. ހަމަ އެހެންމެ، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުން ގުދުރަތީ ގޭހުގެ ރިޒާވް ފެނުނު ކަންވެސް ތުރުކީވިލާތުން އިއުލާން ކުރީ މި ދުވަސްވަރުއެވެ.