ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކި ބްރާންޗްތަކާއި ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރިވުމާއި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްދިޔަ އެބައްދަލުވުން ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައެވެ.

ބީއެމްއެލް އިން ބުނީ އެ ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުން ކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނު ކަމަށެވެ. ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަން ކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ބީއެމްއެމްއެލް އިން ބުނެއެވެ. އަދި ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ.

އެބައްދަލުވުމުގައި އިންޓަރނެޓް، މޮބައިލް އަދި ސެލްފްސާވިސް ބޭންކިން ޓެކްނޮލޮޖީ އަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުން ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އެބައްދަލުވުން ބޭއްވިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށް ކަމަށާއި އެ ބައްދަލުވުން ކުރިޔަށް ދިޔަ ހޯލް ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.