އަނބި މީހާ "ރޭޕް" ކުރި ފިރިމީހާއަށް ހުކުމް ކުރުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށް ވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާ، އޭނާގެ މައްޗަށް ސާބިތުވެ، 3 އަހަރަށް ޖަލަށް ލާން ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2019/HC-A/325 ގަޒިއްޔާއިން ކޮށްފައިވާ ހުކުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ، އެ ގާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައި ވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، އެއީ ދިވެހިރާއްޖޭގެ ތާރީހުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅިގެން ދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ޕްރޮސިކިއުޓާ ޖެނެރަލް، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކަކީ މިނިސްޓްރީން ބަލައިގަންނަ އަދި ޝުކުރު އަދާކުރާ ކަމެއްކަމެއް ކަމަށެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

އެ މައްސަލާގައި ޝާހުގެ މައްޗަށް 3 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު، އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ކުށަށް ދެވެން އޮންނަ އެންމެ ބޮޑު އަދަބެވެ. ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރި ކަން ސާބިތުވެއްޖެ ނަމަ 5 އަހަަރު ދުވަހުގެ ހުކުމެއް އިއްވޭނެ ކަމަށް ގާނޫނު ބުނެއެވެ. ނަމަވެސް މި މައްސަލާގައި ޝާހު، ޒިޔާދާ ރޭޕްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ކަން ޝަރީއަތަށް ސާބިތުވެފައެއް ނުވެއެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަތަރު ދައުވާއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު ވުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައި ވެއެވެ.