ފިރިހެން ޑޮކްޓަރުންނާ އަޅާ ބަލާއިރު އަންހެން ޑޮކްޓަރަށް ލިބެނީ ކުޑަ އާމްދަނީއެއް ކަމަށް ދެކެވޭ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. މިކަން މިހެން ދިމާވަނީ މަސައްކަތުގެ ވަގުތު މަދުވެގެން ނޫންކަން، ދާދި ފަހުން ކުރި ދިރާސާއަކުން މިވަނީ ހާމަވެފައެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ދިރާސާ ޓީމަކުން އާންމުކުރި ލިޔުމުގައި ބުނެފައިވަނީ، ބަލިމީހުންނާއެކު ގިނަ ވަގުތު ހޭދަކުރަނީ އަންހެން ޑޮކްޓަރުން ކަމަށާ، ޓެސްޓު ހަދަން ދިނުމާ، ބަލުން ދުރުހެލިވެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމުގައި ފިރިހެން ޑޮކްޓަރުންނަށްވުރެ ގިނަ ވަގުތު ހޭދަކޮށްފައި ވަނީ އަންހެން ޑޮކްޓަރުން ކަމަށެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހާވަޑް މެޑިކަލް ސްކޫލާއި، ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ އިޝާނީ ގަންގޫލީ ވިދާޅުވީ، ސިއްހީ ފަރުވާއާއި ގުޅިގެން އެންމެ ބޮޑަށް އަޅާލުން ބޭނުންވާ ދާއިރާއަށް އެކަށީގެންވާ މިންވަރުގެ އުޖާރައެއް ދެވޭތޯ ސުވާލު އުފެދޭ ކަމަށެވެ.

ޑރ ގަންގޫލީއާއި އޭނާގެ ޓީމުން ދިރާސާ އެކުލަވާލީ، 2017 ވަނަ އަހަރު އެމެރިކާއިން އަސާސީ ސިއްހީ ފަރުވާ ހޯދި މީހުންގެ ތެރެއިން 24 މިލިއަން ޕޭޝަންޓެއްގެ ބިލިންގް ޑޭޓާއަށް ބަލައިގެންނެވެ.

ޑރ ގަންގޫލީ ވިދާޅުވީ، މި އަދަދުތަކަށް ބަލާއިރު، ފިރިހެން ޑޮކްޓަރުންނަށް ނިސްބަތުން ގަޑިއަކަށް 1 ޑޮލަރު ލިބުނު ކަމަށް ބަލާނަމަ އަންހެން ޑޮކްޓަރުންނަށް ލިބިފައި ވަނީ 87 ސެންޓު ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް ޕޭޝަންޓުންނާއެކު ހޭދަކުރި ވަގުތަށް ބަލާއިރު، ޕޭޝަންޓުންނާއެކު ފިރިހެން ޑޮކްޓަރުން ހޭދަ ކުރާ ވަގުތަށްވުރެ، 2 މިނެޓް އިތުރަށް އަންހެން ޑޮކްޓަރުން، ޕޭޝަންޓުންނާއެކު ހޭދަކުރާ ކަމަށްވެއެވެ. ހުލާސާކޮށް ބަލާއިރު، މިއީ މާ ބޮޑު އަދަދެއް ކަމަށް ހީ ނުވި ނަމަވެސް، ޖުމުލަ ގޮތެއްގައި ބަލާއިރު މިއީ އޯވާޓައިމް ކަމަށާ، މިއީ އެއްވެސް ހާލެއްގައި ބޭކަރު "އަނގަތެޅުމަށް" ހޭދަކުރާ ވަގުތު ނޫންކަން ޑރ ގަންގޫލީ ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހީ ދާއިރާގެ އެހެން ދިރާސާތަކަށް ބަލާއިރު ޑޮކްޓަރަކާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ޕޭޝަންޓުންވެސް އެދޭ ކަމެކެވެ. ސިއްހީ ގޮތުންވެސް ޕޭޝަންޓަށް މިކަމުން ލުއި ލިއްބައިދޭ ކަމަށް ބައެއް މީހުން ބުނެއެވެ.

އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމުގައި ކަން ހިނގަމުންދާ ގޮތް ބެލުމަށް ކުރި މި ދިރާސާއިން ހާމަވި ގޮތުގައި އަންހެން ޑޮކްޓަރުންނަކީ ޕޭޝަންޓުންގެ އިހުސާސްތައް ދެނެގަނެ، އެމީހުންނާއެކު ގިނަ ވަގުތު، ބަލި ދެނެގަނެ ފަރުވާގެ ޕްލޭންތައް މަޝްވަރާ ކުރުމުގައި ހޭދަކުރި ބައެއް ކަމަށާ، މިއާ ހިލާފަށް ފިރިހެން ޑޮކްޓަރުންނަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހިދުމަތް ދީގެން ވީހާވެސް ކުޑަ ހަރަދަކުން ކަންކަން ނިންމާލި ބައެއް ކަމަށް ޑރ ގަންގޫލީއާއި ޓީމުގެ ދިރާސާއިން ހާމަވެއެވެ.

ދިރާސާ ކުރުމުގައި ހަރަކާތްތެރިވި ޔުނިވާސިޓީ އޮފް މިނެސޯޓާގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ހެލްތް އިކޮނޮމިސްޓް، ހެނާ ނެޕްރާޝް ވިދާޅުވީ، ޑޮކްޓަރުންނަށް މުސާރަ ދިނުމުގައި އެމެރިކާގައި އޮތީ ދެކޮޅު ނުޖެހޭ ނިޒާމެއްކަން މި ދިރާސާއިން ހާމަވާ ކަމަށެވެ.